ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ...

10 Apr 2025 | 11:12

ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަކީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތުމް އިބްރާހީމް (26 އަހަރު) އާއި ބ. ގޮއިދޫ / ފިނިފެންމާގެ، ސައިފްﷲ ފައިޞަލް (19 އަހަރު) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މާރާމާރީ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 23:35 އެހައިކަންހާއިރު، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީގެންނެވެ.

މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ބަލައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް