ދިރާގު އީދު ބޯކިބާ އަދި އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ބޭއްވި ދިރާ...

10 Apr 2024 | 07:34

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ބޭއްވި ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ އަރޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލޭގައި މި އިވެންޓްގައި ބައިވެރިވެފައެވެ.

މީގެ އިތުރުން އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ދިރާގުންވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކްވެސް އީދު ނަމާދަށް ފަހު ބަހާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 7 އަތޮޅެއްގައިވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށްގެންގޮސްފައެވެ. އެއީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެތިއެވެ.

"މިއަހަރު ދިރާގުން ކުރިއަށްގެންދިޔަ ފިތުރު އީދުގެ ހަރަކާތްތަކުގައި އެހާ ގިނަ ފަރާތްތަކުން ބައިވެރިވެ، އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހެޔޮ ހިތުން މުޖުތަމައުގެ އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް." ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

މި ހަރަކާތްތަކުގެ އިތުރުން ދިރާގަކީ މިއަދު މާލޭގައި ސާދާ ތިރީސް އަށެއް ގްރޫޕު އިންތިޒާމްކޮށްގެން ކުރިއަށްދާ ފިތުރު އީދު ހަރަކާތްތުގެ ޕަރޓްނަރެއްވެސް މެއެވެ. މި ހަރަކާތުގައި އީދުގެ ސަގާފީ ކުޅިވަރުތައް ކަމަށްވާ ފެން ކުޅުން، ބޮޑު މަސް އަދި މާލި ޕެރޭޑް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން އީދު މިއުޒިކް ޝޯވއަކާއި ހަވާއެރުވުންވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް