އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ދައުވާ ކުރުމަށް ފޮނުވި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ގެނައިހެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައްވެސް ގެންދިއުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ގޮވާލާފައި އެވެ.
މަހުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެއެވެ. އެކަމަކު މަހުލޫފަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭތީ އެވެ.
މި ނިންމުމާއި ގުޅޭގޮތުން މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ވަކި ބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދެވޭ ކަމަށް ވާނަމަ އެކަމާ ގުޅިގެން ދައުވާ ކުރެވޭ ހުރިހާ އެންމެންގެ މައްސަލަ ވެސް އަނބުރާ ގެންދެވެން ވާނެ ކަމަށެވެ.
އެގޮތުން މަހުލޫފަށް ދައުވާ ނުކުރަން ނިންމިހެން ޔާމީންގެ މައްސަލަތައްވެސް އަނބުރާ ގެންގޮސް މިރެއިން މިރެއަށް އެމަނިކުފާނު ދޫކޮށްލުމަށް އަދުރޭ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ޔާމީނަށް އެކަނި ދައުވާ ކުރުމަށް ފަހު ދެން ހުރި ހުރިހާ މައްސަލައެއް އަނބުރާ ގެނައުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމްއެމްޕީއަރުސީގެ މައްސަލަ އާއި ގުޅިގެން 250 އަށް ވުރެ ގިނަ މީހުން ލިސްޓުގައި އޮތް ކަމަށް ތަކުރާރުކޮށް އަޑު އިވޭކަމަށް ވިދާޅުވި އެވެ. އެކަމަކު މައްސަލައިގަ އަނިޔާ ލިބެމުން މިދަނީ ހަމައެކަނި ރައީސް ޔާމީނަށް އަދުރޭ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނުއަސާސީ ހަދާފައި ވަނީ މިނިވަން ޕީޖީއެއް ހުންނަ ގޮތަށް ކަމަށާއި އެއީ ސަރުކާރުގެ ނުފޫޒެއް ނޯންނަ ގޮތަށް ޝަރުއީ ދާއިރާގެ މިނިވަންކަން ވެސް ކަށަވަރު ކުރުމަށްޓަކައި އެކަން އޮންނަ ގޮތް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ފެންނަނީ ބޭނުންވާ ބަޔަކަށް ދައުވާކޮށް ބޭނުން ނުވާ ބައެއްގެ މައްސަލަ އަނބުރާ ގެންދަވާ މަންޒަރު ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް