މަގުމައްޗަށް ކުނި ޖަމާ ކުރަން އެއްވެސް ބަޔަކަށް ނޭންގޭނެ: އީޕީއޭ

މަގުމައްޗަށް ކުނި ޖަމާ ކުރަން އެއްވެސް ބަޔަކަށް ނޭންގޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ. އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލި...

10 Apr 2023 | 17:56

މަގުމައްޗަށް ކުނި ޖަމާ ކުރަން އެއްވެސް ބަޔަކަށް ނޭންގޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކާއި ގެތަކުގެ ދޮރުމައްޗަށާއި މަގުތަކުގެ ކަންކަންމަތީ ކުނި ނެރެފައި ބަހައްޓާ މައްސަލަ އިތުރުވަމުންދާ ކަމަށެވެ. އީޕީއޭ އިން ބުނި ގޮތުގައި އެއީ ކުނި މެނޭޖް ކުރުމުގެ ގާނޫނާއި ގަވައިދާ ހިލާފު ކަމެކެވެ.

އެކަމުގެ ސަބަބުން މީހުންނަށް އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ބުންޏެވެ. ކުނި މަގުމަތީ ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ކުނި އުކުމުގެ ހިދުމަތް ދޭ އެއްވެސް މުވައްޒަފެއް ވެސް އެގޮތަށް ކަންތައް ކުރުމަށް އަންގައިގެން ނުވާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭގެ އިއުލާނުގައި ބުނީ މިހާރަކަށް އައިސް ކުނި ކޮތަޅު ގޭގެ ތެރޭގައި ބެހެއްޓުމުގެ ބަދަލުގައި ވަކި ގަޑިއެއް ނުބަލާ މަގުމައްޗަށް ނެރެމުންދާ ކަމަށެވެ. އެކަން ކުރަނީ ކުނި އުކާ ފަރާތުން އަންގައިގެން ކަމަށް ބުނާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

އީޕީއޭއިން ބުނީ ބައެއް ފަރާތްތަކުން ކުނި ބޭރަށް ނެރެނީ ކުނި އުކާ ފަރާތްތަކުން ގެއަށް ނުވައްދަންވެގެން ކަމަށެވެ.

ގޭގޭގެ އިތުރުން މަސައްކަތްކުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބަހައްޓަމުން ގެންދާ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ފަރުނީޗަރު ފަދަ ބޮޑެތި ކުނި އުކާލާ އަގު ބޮޑު ކަމަށް ބުނެ މަގުމަތީ ބެހެއްޓުން ފަދަ ކަންކަންވެސް ކުރާ ކަމަށް ފާހަގަވެފައިވާ ކަމަށެ އެވެ.

އީޕީއޭއިން ބުނީ ކުނި މެނޭޖުކުރުމުގެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދިއުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް