ރައްޔިތުން އެދޭ މަޝްރޫއުތައް ހިންގުމުގެ މަސްއޫލިއްޔަތު ސަރުކާރަށް އޮންނައިރު އެ ދާއިރާއެއްގެ މެންބަރުގެ ބައިވެރިވުން މުހިންމުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ގުރައިދާ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭނުގައި މިއަދު ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް މެންބަރަކު އިންތިހާބު ކުރަނީ ހަމައެކަނި ގާނޫނުތައް ހެދުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއަށްވުރެ މާ ބުރަ، މާ ފުޅާ ދާއިރާއެއްގައި ރައްޔިތުން ތަމްސީލު ކުރަންޖެހޭ ކަމަށެވެ.
"ރައްޔިތުންނާ ކައިރިން ބައްދަލުކުރެވެންޖެހޭ، ރައްޔިތުންގެ ވިސްނުމާ ބޭނުންވާ ކަންކަން އޮޅުންފިލުވަންޖެހޭ، އެކަންކަން ހާސިލުކުރުމަށް ސަރުކާރާއެކު މަސައްކަތް ކުރަންޖެހޭ" ރައީސް ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް ޝާޒް އަކީ ވަރަށް ހީވާގި، ވަރަށް އެކުވެރި، އަދި ދާއިރާގެ ރައްޔިތުންނާ މިހާރުވެސް ގާތް ގުޅުމެއް ބާއްވާ، ދާއިރާގެ ކުރިއެރުމަށް މިހާރުވެސް މަސައްކަތްކުރައްވަމުންގެންދަވާ ފަރާތެއް ކަމަށެވެ. އަދި ޝާޒް ހޮއްވަވައިދެއްވައިފިނަމަ އެކަން ކުރުމުގެ ފުރުސަތު ޝާޒް އަށް މާ ބޮޑަށް މާ ކައިރިން ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ގުރައިދޫ ރައްޔިތުން އެދިލެއްވިގޮތަށް ބިން ހިއްކި، ރައްޔިތުން އެދިލެއްވިގޮތަށް ޕިކްނިކް އައިލެންޑްވެސް ވަނީ ހަވާލު ކުރެވިފައި ކަމަށާއި ދެން ދެކެން ބޭނުންވަނި އެ ބިމުގައި ގޯތި ދޫކުރެވޭނެ ގޮތެއް އަވަށް ވުން ކަމަށެވެ.
ރައީސް އެ ރަށު ކައުންސިލަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެތައް އެހެން ނުބޭއްވުމަށް އިހްތިރާމާއެކު ދަންނަވާކަމަށާއި ލަސްވަމުންދާކަމުގައިވާނަމަ ގާނޫނުގެ ތެރެއިން އެހެން ގޮތެއް ހޯދައިގެން ނަމަވެސް އެކަން ކުރަންޖެހޭ ކަމަށެވެ.
ރަށުގެ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ރަށުގައި ކުރިން އޮތީ ވަރަށް ދުވަސްވެފައިވާ ނަރުދަމާއެއް ކަމަށާއި އެހެން ނަމަވެސް މިހާރު އެކަމަށް ހައްލު ގެނެވި އެ އުނދަގުލުން ރައްޔިތުން މިންޖުވެފައިވާކަމަށެވެ. ރަށުގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމުގެ ވާހަކަ އަބަދުވެސް ދެކެވއިރު މި އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައިވާއިރު ދެތިން ދުވަހުގެ ތެރޭގައި ޓެންޑާ އޯޕަން ކުރެވި ބަޔަކާ ހަވާލުކުރެވޭނެކަމުގެ އުފާވެރި ހަބަރުވެސް ރައީސް ދެއްވިއެވެ. އަދި ރަށުގައި ސޯޝަލް ހައުސިން މަޝްރޫއެއް ހިންގުމަށް ބޭނުންވާ ބިން ހޯދުމަށް ރަށުގެ ކައުންސިލާއި ވާހަކަ ދައްކާނެކަމުގެ އިޝާރާތެއްވެސް ރައީސް ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ބައި އިލެކްޝަންގައި ގުރައިދޫ ދާއިރާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި ޝާޒް އިންތިހާބު ކޮށްދެއްވާނެކަމާމެދު ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް