ރޭ ސިނަމާލޭ ބްރިޖް ޓްރެފިކް ލައިޓު ކައިރީ ހިނގި އެކްސިޑެންޓުގައި ޒަހަމްވި އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
އެ އެކްސިޑެންޓުގެ ރިޕޯޓު ކުރީ ރޭ 11:33 ގައި އެވެ. ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ.
މިހާދިސާގައި ތިން މީހަކު ޒަހަމްވި އެވެ. އެއީ 43 އަހަރާއި، 47 އަދި 31 އަހަރުގެ ދިވެހި ފިރިހެނުންނަށެވެ.
މީގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ 43 އަހަރުގެ މީހާއަށެވެ. އައިޖީއެމްއެޗުން މީޑީއާގައި ބުނީ އެމީހާއަށް މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.
އޭނާގެ ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
އަނެއް ދެމީހުންނަށް ފަރުވާ ދެމުންދަނީ ސެނަހިޔާ ހޮސްޕިޓަލްގައި އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް