އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުން ދަނީ ޙައްޤުގެ ދީނަށް ވާތީ: ޑރ. ޢަލީ ޒާހިރު

އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ޙައްޤުގެދީނަށް ވާތީކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މ...

10 Apr 2023 | 06:27

އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ޙައްޤުގެދީނަށް ވާތީކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

އިޙްޔާ ފޯރަމްތަކުގެ 11 ވަނަ ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ ޑރ. ޢަލީ ޒާހިރާއި އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިޠުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށެވެ.

އެނޫން ގޮތަކަށް އުޅޭނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެކަމަށާއި ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ޙައްޤާއި ބާތިލް ވަކިނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މާތްﷲގެ ވަޙީ ބަސްފުޅަށް ބައްލަވަމުން، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ހޯދައިގެންފި މީހާގެ ކިބައިން ހަމަހިލާ އެކަން ޤަބޫލު ނުކުރައްވާނެ ކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވިއެވެ.

ބައެއް މީހުން ދީން ޤަބޫލު ނުކުރާކަމަށް ދައްކާ ވާހަކަތަކަށް ބައްލަވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އެފަދަ މީހުން އެ ހަދަނީ ދޮގުކަމަށެވެ.

ސަބަބަކީ ކޮންމެ މީހަކީވެސް ރުހުމުގައިވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބަޢަވާ މީހަކަށް ވާތީކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީންކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރު ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށްވެސް މި ފޯރަމްގައި ބައްލަވާ ލައްވާފައެވެ.

އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު،  2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމްދީންކަމަށް ފާހަގަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިފަދައިން އިސްލާމްދީން ކުރި ހޯދަމުން ދަނީ، އިސްލާމްދީން މިހާ ބާރުމިނެއްގައި ފެތުރެމުންދަނީ، މި ދީން މީހުންނަށް މިހާ މަޤްބޫލުދީނަކަށް ވެގެންދަނީ މިއީ ޙައްޤުގެ ދީން ކަމުގައިވާތީ އާއި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީ އާއި، އިޖުތިމާޢީ، ދީނީ ރޫހުއާލާވާ، ޢަދުލުވެރި ދީނަކަށް ވާތީކަމަށް ވިދާޅުވިއެވެ.

އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދާ ސަބަބުތަކާއި ގުޅޭގޮތުން މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަޞްރުﷲ ޢަލީ ވިދާޅުވީ މާތްﷲގެ ހަޟްރަތުގައި ޤިޔާމަތާ ހަމައަށްވެސް ރުހިވޮޑިގަންނަވާ ދީނަކީ އިސްލާމްދީން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މާތްﷲ އަންގަވާ ފައިވާ ގޮތަށް އިސްލާމްދީނުގައި ސާބިތުވެ ތިބެންޖެހޭ ކަމަށާއި މިފަދައިން ޢަމަލުތައް ބެހެއްޓުމުން ޣައިރު މުސްލިމުންނަށް ފެނިގެންދަނީ ނަމޫނާ ދީނެއްގައި މުސްލިމުން އުޅެމުންދާތަން ކަމަށް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އިސްލާމްދީނަކީ މަޤްބޫލު ދީނަކަށް ވެގެންދާ ކަންވެސް ފާހަގަކުރެއްވިއެވެ.

އިސްލާމްދީނަކީ ހުރިހާ އެންމެންނަށް އޮތް ދީނެއްކަމަށް ވިދާޅުވެ، ރަސޫލާ ﷺގެ ޒަމާނުގައި ހިނގައިދިޔަ ޢިބްރަތްތެރި ޙާދިސާތަކަށް ބައްލަވާލެއްވިއެވެ. މި ދީނަކީ އިންސާނާއަށް ހިތްހަމަޖެހުން ގެނުވާ، ދީނެއްކަން ފާހަގަކުރައްވާ މި ދީނުގައި އިންސާނުންނަށް ލުއި ފަސޭހަކަން ދެއްވާފައިވަނީ ވަކި އުސޫލުތަކަކާއި އިންތަކަކާއިއެކުގައި ކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި، ޣައިރު މުސްލިމުންގެ މެދުގައި އިސްލާމްދީން މަޤްބޫލު ދީނަކަށްވާ ސަބަބުތަކާއި، ދީން އެހާބޮޑަށް ފެތުރެނީ ކީއްވެކަންކަމާއި، މި ދީނުގެ ހުރި ފުރިހަމަކަމާއި ރަނގަޅުކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް