ބައްޕަ ފިޔަވައި ގޭގެ ހުރިހާއެންމެން އާސަހަރާއަށް ގޮސްވީ އިރުވެސް ޝާހީން އޮތީ އޭނާގެ ކޮޓަރީގައެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. ބައެއް ފަހަރު ސަހަރާއަށްވެސް ދާން އޭނާގެ ހިތަށް އަރައެވެ. އެކަމަކު އަމިއްލަ ނަފްސަށް އިހްސާސްވަމުންދާ ލަދުވެތިކަމުގެ ސަބަބުން ފަސްޖެހެވެނީ އެވެ.
ދެން މިދުނިޔޭން އޭނާއަކަށް ނޫރާގެ މޫނެއް ނުފެންނާނެއެވެ. ޝާހީންއަށްވެސް އެކަން އެނގެއެވެ. އޭނާވެސް ސަހަރާއަށް ދާން ބޭނުމެވެ. އެންމެ ފަހުގެ ވަދާޢުގެ ސަލާމް ނޫރާ އާއި ކުރަން ބޭނުމެވެ. އެކަމަކު އެތާނގައިވެސް އަދި މިތާނގައިވެސް އޭނާއަށް ވަނީ ލަދުވެތިކަމެވެ. ވަށައިގެން ވާހައި އެއްޗަކާއި މުޅި ކައުނުވެސް އޭނާއަށް ލައުނަތް ދެމުން ގެންދާކަމުގައި ޝާހީންއަށް ހީވަނީ އެވެ.
ޝާހީން އެކަނިމާއެކަނި ކޮޓަރީގެ ތެރޭގައި އޮތެވެ. އޭނާގެ ދުނިޔޭގައެވެ. ކަރުނަޔާއި ހިތާމައިގެ ތެރޭގައެވެ. އެހެނީ އެމީހަކުދެކެ އޭނާ އެންމެ ލޯބިވާ މީހާ މިދުނިޔެއިން ވަކިވެގެން ދިޔައީއެވެ. ދިރިއުޅުމުން އަތް ދޮވެލީއެވެ. ހަޤީޤަތާއި ކުރިމަތިލާނެހައި ހިއްވަރު އޭނާ އަށް ނުލިބުނީއެވެ.
ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލުމުން ޝާހީން ގޮސް ދޮރު ހުޅުވިއެވެ. އޭރު ދޮރުގެ ކުރިމަތީގައި ހުރީ، ފިރާޤެވެ. ޝާހީން ފެނިފައި ފިރާޤު ވީ ހައިރާނެވެ. ޝާހީންގެ ދިގުވެފައިވާ ތުނބުޅިއާއި ދިގުވެ ހޭވިފައިވާ ބޮލާއި ވަޅުވަދެފައިވާ ދެލޮލުން ހީވަނީ، އޭނާއަކީ އެތައް ދުވަހަކު ޖަލެއްގައި އޮތް މީހެއް ހެންނެވެ. އެންމެ މަސްދުވަހެއްގެ ތެރޭގައި ޝާހީންއަށް އައިސްފައިވާ ބަދަލު ފިރާޤަށް ޤަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ. އަނެއް ކޮޅުން ފަހު ވަގުތު ޝާހީން ނޫރާ އާއި ކައިވެނި ނުކުރުމަށް ނިންމުމާއި، އެކަމާ ހިތާމަ ކުރަމުން ކުރަމުންގޮސް އެންމެ ފަހުން ނޫރާ އަމިއްލައަށް މިދުނިޔެއިން ވަކިވެގެން ދިޔައީއެވެ.
"ކީއްވެ ސަހަރާ އަށް ނުދާން ތިހިރީ. ހިނގާބަލަ ދާން. ދެން މިވަގުތު ކޮޅަށް ފަހު ޝާހީން އަކަށް ދެނެއް ނޫރާއެއް ނުފެންނާނެ" ކޮޓަރީގެ ތެރެއަށް ވަންނަމުން ފިރާޤު ބުންޏެވެ. އެއްޗެކޭ ނުބުނެ ޝާހީންގޮސް އެނދުމަތީގައި އިށީނެވެ.
"އަހަރެން ރާއްޖޭން ބޭރުގައި މިވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކޮންހާ ކަންކަމެއް މިހިނގީ. މަށަކަށް އެކައްޗެއްވެސް ނުވިސްނޭ ޝާހީން" ފިރާޤު ޝާހީން ގާތުގައި އިށީންނަމުން ބުންޏެވެ.
ފިރާޤަކީ ޝާހީންގެ ބެސްޓް ފްރެންޑެވެ. އެންމެ ކުޑައިރުއްސުރެ އެދެމީހުންނަކީ ރަހުމަތްތެރިންނެވެ. އެހެންކަމުން އެދެމީހުންގެ އެއްވެސް ކަމަކީ، އެކަކު އަނެކަކަށް ފޮރުވިފައިވާ ކަމެއް ނޫނެވެ. ދެމީހުންގެ ހަޔާތުގެ ކޮންމެ ހިނދުކޮޅެއްގެ ކޮންމެ ކަމެއްވެސް އައީ އެކަކު އަނެކަކާއި ހިއްސާ ކުރަމުންނެވެ. ކިޔައިދެމުންނެވެ. އެކަމަކު އެއީ ޝާހީން ނޫރާ އާއި ކައިވެނި ނުކުރަން ނިންމި ހިސާބަށެވެ.
އޮފީސް ދަތުރެއްގައި ފިރާޤު ދޮޅުމަސްދުވަހަށް މެލޭޝިއާއަށް ފުރަންޖެހުނީ، ޝާހީންގެ ކައިވެނި ތައްޔާރު ވަމުން ދަނިކޮށެވެ. އެކައިވެންޏަށް ނުހުރެވޭތީ އޭނާ ދެރަވެސް ވިއެވެ. އެހެނި ޝާހީން އާއި ނޫރާ ގުޅުވައިދިން ފާލަމަކީ އޭނާއެވެ. އެދެމީހުންގެމެދުގައި ވާހަކަ އުފުލީ އޭނާއެވެ. ސަޕްރައިޒް ޕާޓީތައް އިންތިޒާމްކޮށްދެނީ އޭނާއެވެ.
އާއިލީ ގާތްކަމެއް ނެތަސް ފިރާޤާއި ޝާހީންއަކީ އެއްބަނޑު އެއްބަފާ ދެބޭންނަށްވުރެވެސް ގާތް ދެމީހުންނެވެ. ޝާހީން އަކީ މުއްސަނދި ފޯރާ އާއިލާއެއްގެ ހަގު ފިރިހެން ކުއްޖާއަށް ވުމާއި ނޫރާ ކަހަލަ ރީތި ރަނގަޅު ކުއްޖަކު ލިބިފައިވުމުން އޭނާގެ ދުނިޔެވަނީ ފުރިހަމަވެފައެވެ. އެހެންކަމުން މިއަދާއި ހަމައަށް ހިތާމައަކީ ކޮންއެއްޗެއް ކަމެއް ޝާހީންއަކަށް ނޭނގެއެވެ.
"ޝާހީން. ހިނގާބަލަ ނޫރާގެ މޫނު ބަލާލާފައި އަންނަން. މީހުން ކީކޭ ހީކުރާނީ. ބުނާނެ މަރުވީމަވެސް ދެކިލަން ނުދިޔައޭ" ފިރާޤު ބޭނުންވަނީ ޝާހީން ގެންދާށެވެ.
ޝާހީން ބޯހޫރާލިއެވެ. ނުދާނަމޭ ބުނުމުގެ ގޮތުންނެވެ. އެއަށްފަހު އޭނާ ހިންދިރުވާލައި މަތި ބަލާލިއެވެ. އޭނާގެ މޫނު މަތިން ފެންނަނީ ވަރުބަލި ކަމެވެ.
ފިރާޤަށް ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލެވުނީވެސް ދެނެވެ. ކޮޓަރީގެ ތެރޭގައި ކުރިން ހުރި ނޫރާގެ ބޮޑެތި ފޮޓޯ ލޯގަނޑުތަކެއް ނެތެވެ. އެތަކެތި ނެތީ އެކަންޏެއް ނޫނެވެ. ނޫރާގެ ހަނދާން އާކޮށްދޭނޭ އެކައްޗެއްވެސް ނެތީއެވެ. ޝާހީންގެ ހިތުން ނޫރާ ނެރެ ބޭރުކޮށްލި ގޮތަށް އޭނާ ދިރިއުޅޭ މާހައުލުންވެސް ނޫރާގެ ހަނދާންތައް އޭނާ ނެރެ އުކައިލީއެވެ.
"ޝާހީން. ވީގޮތެއް ބުނެބަލަ. ހަޤީޤަތާއި ކުރިމަތިލާބަލަ. ނޫރާ އެދިޔަ މަގުން ޝާހީން ހިނގައިދާނެތީ އަހަރެން ބިރުގަނޭ" ފިރާޤު ޝާހީން ގެނެސް ގާތްކޮށްލިއެވެ.
ފިރާޤުގެ ގައިގައި ބައްދައި ގަތުމަށްފަހު އޭނާ ފެށީ ރޯށެވެ. ހީވަނީ އެތައް ދުވަހެއް ވާންދެން އޭނާގެ ހިތުގައި ބަންދުވެފައިވާ ހިތާމަތަކާއި ލޮލުގައިވާ ކަރުނަތައް ބަންޑުންކޮށްލަނީ ހެންނެވެ. އެރުއިމާ ގިސްލުމުގައި ވަނީ ނިހާއީ ހިތްދަތިކަމާއި މާޔޫސްކަމުގެ އަސަރާއި އިހުސާސެވެ. އެތައް އިރަކު ރުއިމަށް ފަހު ޝާހީން ތެދުވެއްޖެއެވެ.
ފާޚާނާއަށް ވަދެ ކުޑަކޮށް ތާޒާވެލައި ރީތިވެލައިގެން ޝާހީން ނުކުތެވެ. އަދި ޑްރެސިންގ ޓޭބަލް ކައިރީގައި ހުއްޓި ބޯއޮމާންކޮށްލައި ސެންޓްލައި ހެދުމަށް ފަހު ޝާހީން ކާރުގެ ތަޅުދަނޑި ނަގައި ޖީބަށްލިއެވެ. ޝާހީން ނުކުންނަށް ހިނގައި ގަތުމުން ފިރާޤުވެސް އޭނާގެ ފަހަތުން އައެވެ.
ފިރާޤާއި ޝާހީން ގެއިން ނުކުމެ މަގުމައްޗަށް ނުކުންނަށް އޮތް ހަނިގޯޅިއަށް ނުކުތް އިރު ޝާހީންގެ ބައްޕަ އައިސް ވަންނަނީއެވެ. ޝާހީން އާއި ފިރާޤު އެކުގައި ނުކުންނަތަން ފެނުމުން އެމީހުން އެދަނީ ކޮންތާކަށްކަން ޝާހީންގެ ބައްޕަ ޝާއިރަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.
ޝާއިރު ހުއްޓުމުން ފިރާޤާއި ޝާހީނަށްވެސް ހުއްޓެވުނީ ބޭއިޚްތިޔާރުގައެވެ. ފިރާޤު ކުޑަކޮށް ފަސްޖެހި ލަދުގަންނަ ގޮތްވެއްޖެއެވެ. ޝާއިރު އެމީހުންނަށް ބަލާލި ގޮތުންނެވެ.
"ކޮންތާކަށް؟" ޝާއިރުގެ އަޑުގައި ހުރީ އަބަދުވެސް ހުންނަ އަމުރުވެރި ގޮތެވެ. އެއްޗެކޭ ނުބުނެ ޝާހީން ހިމޭނުން ހުރީއެވެ. ދެވަނަ ފަހަރު ޝާއިރު އެސުވާލު ކުރީ އެއަށްވުރެ ބާރަށެވެ. ޝާހީން އޭނާގެ ބައްޕައަށް ބަލާލީ ނަފްރަތާއި ރުޅިވެރިކަމުގެ ނަޒަރަކުންނެވެ. ހީވަނީ މިހުރިހާ ދުވަހު އޭނާ ބައްޕަދެކެވީ ލޯބި ނަފްރަތަށް ބަދަލުވެފައި ވާހެންނެވެ.
"އަންހެން ދަރިއަކު މަރުވުމުން އޭނާގެ ކަށުނަމާދުގައި ބައްޕަ ބައިވެރި ނުވިޔަސް، އޭނާގެ ތިމާގެ އެހެން މީހުން ބައިވެރިވާންޖެހޭނެދޯ" ޝާހީންގެ އަޑުގައި ހުރީ މަލާމާތާއި ޖެއްސުމުގެ ރާގެވެ.
"ޝާހީން..." ޝާއިރުގެ އަޑު ވީއްލުނެވެ.
"ހަޅޭއްލަވައި އަޑުގަދަ ކުރުމަކުން ހަޤީޤަތެއް ބަދަލެއް ނުވާނެ. މިސްޓަރ ޝާއިރު" ޝާހީންގެ ދެލޮލުން ހީވީ އަލިފާން ކަނި ބުރައިގަތް ހެންނެވެ. ހައިރާންވެގެން ފިރާޤުގެ އަނގަހުޅުވުނެވެ. ހުރިހާ ކަމެއް ބަދަލުވެ އެކޮޅު ކޮޅުންޖެހިފައިވާތީއެވެ. ޝާހީންގެ އުފާވެރި އާއިލާގެ ތެރެއަށް އަލިފާނުގެ ނަގޫރޯޅިތަކެއް ފައިބައި އެއުފާވެރިކަން ވިއްސި ވިހާލި ކޮށްލާފައިވާތީއެވެ.
ޝާއިރު ހޫރާލި އަތުން ޝާހީންގެ ކަންކަށިމަތީގައި ޖެހުމުގެ ކުރިން ޝާހީން އެއަތުގައި ހިފަހައްޓައިފިއެވެ. އޭނާ ހުރީ ރުޅިއައިސްގެން ކޮންޓްރޯލުން ނައްޓާފައެވެ. އިރުކޮޅަކު ބައްޕަގެ އަތުގައި ހިފަހައްޓައިގެން ހުރުމަށްފަހު ޝާހީން އެއަތް ހޫރުވާލީ ދުރަށެވެ.
"ނޫރާ އަކީ ދަރިއެއް ކަމުގައި ޤަބޫލު ނުކުރި ފަދައިން އަހަރެންވެސް މިހާރު ތީ އަހަރެންގެ ބައްޕަ ކަމަކަށް ޤަބޫލެއް ނުކުރަން" ހިނގައި ގަންނަމުން ޝާހީން ބުންޏެވެ.
ފިރާޤަކަށް މިވީ ގޮތެއް ނޭނގުނެވެ. އެކަމަކު އެއްކަމެއް އޭނާއަށް ޔަޤީންވެއްޖެއެވެ. ޝާހީން އާއި ނޫރާގެ ކައިވެނީގެ އެންމެ ފަހު ވަގުތު ޝާހީން އެކައިވެނި ނުކުރުމަށް ނިންމީ ޝާހީންގެ އާއިލާއިން އެކަމަށް ނުޤަބޫލު ވުމުންނެވެ. އެކަމަކު އެހެންވާންވީ ކީއްވެ ކަމެއް ފިރާޤަކަށް ނުވިސްނުނެވެ، ނޫރާ އާއި ޝާހީންގެ ގުޅުމަކީ އެއާއިލާގެ އެންމެވެސް ރުހުނު ގުޅުމެކެވެ. ޝާހީންގެ ބައްޕަވެސް މެއެވެ. ވިއިރު ކުއްލިއަކަށް ނުރުހެން ދިމާވީ ކޮންސަބަބެއް ހެއްޔެވެ؟
ޝާހީން ކާރު ދުއްވަން އިން އިރު، ފިރާޤުވެސް އިނީ އޭނާ ގާތުގައި ކުރީ ޝީޓުގައެވެ. ފިރާޤަށް ބެލެމުން ދިޔައީ ޝާހީންގެ މޫނަށް އަރާފައިބާ ކުލަތަކަށެވެ. މި ނާޒުކު ދަނޑިވަޅުގައި ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށް ސުވާލު ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.
ޝާހީން އާއި ފިރާޤަށް ގޮސް އާސަހަރާއަށް ވަދެވުނު އިރު، ނޫރާގެ މޫނު އަޅަން ތައްޔާރުވަނީ އެވެ. އެތާނގައި ނޫރާގެ މަންމަ އާއި ދެން އެހެން ހައެއްކަ އަށެއްކަ އަންހެނުން ފިޔަވައި ނޫރާމެން ރަށުގެ މީހަކު ނެތެވެ. ދެންތިބީ ހުސް ނޫރާގެ ކުރީގެ ކުލާސްކުދިންނާއި، އެކުގައި އޮފީހުގައި މަސައްކަތް ކުރި މުވައްޒަފުންނެވެ. އެ އެންމެންވެސް ޝާހީން ވަނުމުން އޭނާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެމީހުން ދެކޭގޮތުގައި ނޫރާ މިނަރަކައަށް ވައްޓާލީ އޭނާއެވެ.
" މޫނު އަޅާން ފޮތިގަނޑުގައި މައްޔިތާގެ އެންމެ ގާތް މީހުން ހިފާ" ޖަމާއަތްތެރިއާ ނޫރާގެ މޫނު ފޮތިގަނޑުގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ.
އެފޮތިގަނޑުގައި އެއްފަރާތުން ހިފީ ނޫރާގެ މަންމައެވެ. އަނެއް ފަރާތުން ހިފީ ޝާހީންއެވެ. ޝާހީން އެފޮތިގަނޑުގައި ހިފުމުން ނޫރާގެ މަންމަ ޝާހީންގެ މޫނަށް ބަލާލީ މައުނަވީ ފުން ނަޒަރަކުންނެވެ.
ނޫރާގެ ޖަނާޒާގެ ކަންތައް ނިމުމުން، ފިރާޤާއި ޝާހީން އާސަހަރާއިން ނުކުންނަށް އައިރު، ބޭރުން ވަންނަން ހުރި ގޭޓުގެ އެއްފަރާތުގައި ފާރުގައި ލެގިލައިގެން ނޫރާގެ މަންމަ ހުއްޓެވެ. ޝާހީން ނޫރާގެ މަންމަގެ ގާތުގައި ހުއްޓުމަށްފަހު މަންމާއޭ ހިތްހެޔޮ ކުރާށޭ ބުންޏެވެ. ނޫރާގެ މަންމަ ބޯޖަހާލިއެވެ.
ފިރާޤަކަށް ދޭހައެއް ނުވިއެވެ. ޝާހީން ނޫރާ އާއި ކައިވެނި ނުކުރުމުން އެކަމުގެ ހިތާމައިގައި އޭނާ އަމިއްލައަށް މަރުވީއެވެ. ވީއިރު ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޝާހީނެއް ނޫންހެއްޔެވެ؟ އެކަމަކު ނޫރާގެ މަންމަގެ ހިތުގައި ޝާހީނާއި މެދު އެކައްޗެއްވެސް ނެތެވެ. އެއީ ދެކޭ ކޮންމެ މީހަކުވެސް ހައިރާންވެ އަންތަރީސް ވާނެއެވެ.
"ޝާހީން. މަށަކަށް އަސްލު ނުވިސްނޭ. ކިހިނެއްތަ މިވެގެން އުޅެނީ" ޝާހީން ކާރު ދުއްވާލުމުން ފިރާޤު ބުންޏެވެ. އެވަގުތު ޝާހީން ކާރުގެ ބުރެކި ހިފާލުމުން މަގު މެދަށް ކާރު ހުއްޓުނީއެވެ.
"ފިރާޤު، ނޫރާ އަކީ އަހަރެންގެ އެއްބަފާ ކޮއްކޮ." ޝާހީން ހިންދުރުވާލަމުން ދެލޯ މަރާލިއެވެ.
"ކީކޭ!......." ފިރާޤަކަށް ޤަބޫލެއް ނުކުރެވުނެވެ.
"އާނ! ބައްޕަ އޮފީސް ދަތުރެއްގައި ރާއްޖެތެރެއަށް ދިޔަ ރަށަކުން ދިމާވި އަންހެނެއް ނޫރާގެ މަންމައަކީ. އެދަތުރުގައި ބައްޕަ ހިތްއުފާކޮށްލަން ގެންގުޅުނީ ނޫރާގެ މަންމަ." ޝާހީން ކިޔައިދޭން ފެށިއެވެ.
"ނޫރާ އަކީ ކައިވެނިން ބޭރުން ލިބިފައި ހުރި ކުއްޖެއް. އަހަރެންނާއި ނޫރާ އަކީ އެއްބަފާ ދެބެންކަން އެނގުނީ އަހަރެމެންގެ ކައިވެންޏަށް ނޫރާގެ މަންމަ މާލެ އައިސް އަހަރެމެންގެ ގެއަށް އައިދުވަހު. އެދުވަހު ބައްޕަގެ ކިބައިން ފެނުނު އާދަޔާ ޚިލާފު ހަރަކާތްތަކާއި ކުއްލިއަކަށް ނޫރާގެ މަންމަ އަހަރެމެން އިންނަން ނުގަބޫލުވުމުން މިކަން ފަޅާއެރީ. އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިނީ ނޫރާގެ މަންމަ. ބައްޕަ ހަމައެކަނި ބުނީ ނޫރާ އަކީ ބައްޕަނެތް ކުއްޖެއްވީމައޭ ޤަބޫލު ނޫނީ. ކުރިން އެކަމެއް ނޭނގެޔޭ."
"ފިރާޤު ބުނެބަލަ އަހަރެމެން ދުނިޔެއަށް ކޮން މޫނެއް ދައްކާނީ، އިއްޔެ ދެލޯބިވެރިން މިއަދު ކުއްލިއަކަށް ދެބެންކަން އެނގުނީމަ، ކިހިނެއް އެކަން ޤަބޫލު ކުރާނީ. ދުރުވާން ބޭނުންވިޔަސް އަހަރެމެންނަށް އެއްދުނިޔެއެއްގައި ދެބެންގެ ގޮތުގައެއް ނޫޅެވޭނެދޯ. އަހަރެމެންގެ މެދުގައި ނުހިނގާ ގުޅުމެއް ނެތް. ނޫރާ އަމިއްލައަށް އެމަރުވީވެސް އޭނާ އިނީ ބަލިވެ ކަމުގައި ވާތީ. ދުނިޔެއަށް ދައްކާނީ ކޮންމޫނެއް." ޝާހީން ކަރުނަތައް ފުހެލިއެވެ. އަދި ކާރު ދުއްވާލިއެވެ.
ފިރާޤު ހިމޭން ވިއެވެ. އޭނާގެ ހިތަށް އެރިއެވެ. ދުނިޔޭގެ ލަދަކީ ހާދަ ބޮޑު އެއްޗެކެވެ.
---ނިމުނީ--
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް