ޖޫރިމަނާ ނުލައި މިމަހުގެ ނިޔަލަށް ހިޔާ ފްލެޓުތަކުގެ ކުލި ދެއްކޭނެ: އެޗްޑީސީ

ހިޔާ ފްލެޓުތަކުގެ ކުލި މިމަހުގެ ނިޔަލަސް ޖޫރިމަނާ ނުލައި ބަލައިގެންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑިސީ) އިން ބުނެފި އެވެ. އެޗްޑީސީން އެގްރިމެންޓު ކޮށްފައިވާ ގޮތުން އެމަހެއްގެ ފީ ކ...

10 Apr 2022 | 18:57

ހިޔާ ފްލެޓުތަކުގެ ކުލި މިމަހުގެ ނިޔަލަސް ޖޫރިމަނާ ނުލައި ބަލައިގެންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑިސީ) އިން ބުނެފި އެވެ.

އެޗްޑީސީން އެގްރިމެންޓު ކޮށްފައިވާ ގޮތުން އެމަހެއްގެ ފީ ކޮންމެ މަހެއްގެ10 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހެ އެވެ. ހިޔާ ފްލެޓުތަކުން ކުލި ނަގަން ފަށާފައިވަނީ މީހުން ދިރިއުޅެން ފެށިތާ ހަތް މަސް ފަހުން މިމަހުން ފެށިގެންނެވެ.

އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ ކުލި ޖޫރިމަނާ ނުލައި ބަލައި ގެންނާނެ އެންމެ ފަހުގެ ތާރީހަކީ މިއަދު ކަމަށްވިޔަސް އެ ތާރީހު މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ މިމަހުގެ ފީ ޖޫރިމަނާ ނުލައި30 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގެންނާނެ ކަމަށެވެ.

އެޗްޑީސީން ބުނީ މުއްދަތު އިތުރުކޮށްދޭން ނިންމީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތްތަކަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އިތުރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކަމަށެވެ. އެގޮތުން މީހުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް، މާދަމާ އިން ފެށިގެން ކޮންމެ ރެޔަކު 9:00 ން 11:00އަށް ހިޔާ ފްލެޓް ސަރަހައްދުގައި ހެލްޕް ޑެސްކެއް ވެސް ބަހައްޓާނެ ކަމަށެވެ.

ފްލެޓުތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހެނީ1،000 ރުފިޔާގެ މެއިންޓަނަންސް ފީއަކާއި އެކު8،500 ރުފިޔާ އެވެ. މި ފީ ބޮޑު ކަމުން ފެށުނީންސުރެ ހިޔާގެ ވެރިން ކުލި ކުޑަކޮށްދޭން ދިޔައީ އެދެމުންނެވެ.

އަދި އިއްޔެ ފްލެޓުތަކުގެ ވެރިން އެކުވެގެން އުފައްދާފައިވާ ހިޔާ ޔޫނިއަންއިން ވަނީ ފްލެޓުތަކުގެ ކުލި ނުދެއްކުމަށް ގޮވާލާފަ އެވެ. އެޗްޑީސީން އިއްޔެ ބުނީ އެހެން ގޮވާލި ނަމަވެސް ގިނަ ބަޔަކު ކުލި ދެއްކި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް