އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު މިއަދު ދުނިޔެ ދޫކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަލަސްތީނުގެ ހުޅަނގު ބިތުގެ އިޒްރޭލާއި ގުޅޭ ޗެކް ޕޮއިންޓް ސަރަހައްދުގައެވެ. މި ހާދިސާގައި ދުނިޔެ ދޫކޮށްފައިވަނީ އުމުރުން 40 އަހަރުގެ ގަދާ އިބްރާހިމް ސަބަސްޗިއަން ނަމަކަށް ކިޔާ އަންހެނެކެވެ.
ހުވަފަތް ހާލުގައިހުރި، ހަ ދަރިންގެ މަންމައެއް ކަމަށްވާ ގަދާ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖެހީ އެ ސިފައިންނާއި ދިމާއަށް ގަދާ ދުވެފައި ދާންފެށުމުން ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. ނަމަވެސް ގަދާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތްކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
އިޒްރޭލުގެ ތެލް އަވީވްގައި ދިން ހަމަލާތަކާއި ގުޅިގެން އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު އަންނަނީ އަނެއްކާވެސް ހޫނުވަމުންނެވެ. އިޒްރޭލު ސިފައިން އަންނަނީ އެ ހަމަލާތަކާއި ގުޅިގެންކަމަށްބުނެ ފަލަސްތީނުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ.
ތެލްއަވީވްގައި ދިން ހަމަލާތަކުގައި އިޒްރޭލުގެ ތިން މީހަކު މަރުވެ 10 ވަރަކަށް މީހުން ޒަހަމްވިއެވެ. މި ހަމަލާތަކާއި ގުޅިގެން އިޒްރޭލު ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނުގައި އެ ހަމަލާ ދިންކަމުގެ ތުހުމަތުގައިވެސް އެކަކު މަރާލާފައިވާކަމަށް އިޒްރޭލު ސިފައިން ބުނެފައިވެއެވެ.
މާރިޗް 22 އިން ފެށިގެން ހަލަބޮލިވަމުން އަންނަ އިޒްރޭލު ފަލަސްތީނު މަސްރަހުގައި އިޒްރޭލުގެ 14 މީހަކު މަރާލާފައިވެއެވެ. ފަލަސްތީނަށް ނިސްބަތްވާ 10 މީހަކު ދުނިޔެދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް