އިންޑިއާގެ ހުރިހާ ރައްޔިތުން މުއާމަލާތް ކުރާ ރަސްމީ ބަހުގެ ގޮތުގައި ހިންދީ ބަސް ކަނޑައެޅުމުގެ މަސައްކަތް އިންޑިއާގެ ވެރިކަން ކުރާ ބީޖޭބީން ފަށައިފި އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ރަސްމީ ބަހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވީ އިންޑިއާގެ އެކި ސްޓޭޓްތަކުގެ މީހުން އެކަކު އަނެކަކާއި މުއާމަލާތް ކުރާއިރު ވާހަކަ ދައްކަން ޖެހޭ ރަސްމީ ބަހަކީ ހިންދީ ބަސް ކަމަށް ހަދައި އެގޮތަށް ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް އާންމުން ވާހަކަ ދައްކާ ބަހަކީ އިނގިރޭސި ބަހަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
އަމިތު ވިދާޅުވީ އިންޑިއާ ރައްޔިތުން ވާހަކަ ދައްކަން ޖެހޭނީ އިންޑިއާގައި ވާހަކަ ދައްކާ ބަހަކުން ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ސަރުކާރުގެ ރަސްމީ އަދި މައި ބަހަކީ ހިންދީ ކަމަށް ކަނޑައަޅާފައި ކަމަށާއި މިކަމުން ހިންދީ ބަހަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވާނެ ކަމަށެވެ.
އިތުރަށް ވިދާޅުވީ އެކި ސްޓޭތްތަކުގައި ވާހަކަދައްކާ ބަހާއި އެކު ހިންދީ ބަސް އާންމުންގެ ތެރޭގައި އަށަގެންނެވުމަށް ސްޓޭޓްތަކުގައި މަސައްކަތް ފެށުމުން އެއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.
އަމިތުގެ މި ވާހަކަ އާއި ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގެންފަވާ ބަސްތަކުން ވާހަކަދައްކާ އިންޑިއާގެ ގިނަ ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ތަފާސް ހިސާބު ދައްކާގޮތުން 121 ކްރޯޑުގެ އާބާދީއެއް އޮންނަ އިންޑިއާގައި ހިންދީ ބަހުން ވާހަކަ ދައްކަން އެނގެނީ 52 ކްރޯޑު ނުވަތަ އާބާދީގެ 44 ޕަސެންޓު މީހުންނަށެވެ.
ބޮޑެތި ސްޓޭޓްތައް ކަމަށްވާ ޓަމިލް ނާޑޫ، ވެސްޓް ބެންގޯލް، ކެރެލާ އަދި ކަރްނާޓަކާ ފަދަ ސްޓޭޓްތަކުގައި ހިންދީ ބަސް އެނގެނީ އާބާދީގެ ވަރަށް ކުޑަ ޕަސެންޓަކަށެވެ. އިންޑިއާގައި ތަފާތު ބަސް ބަހުން ވާހަކަ ދައްކާ މީހުން އެކަކު އަނެކަކާއި ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ.
ދިރާސާތައް ދައްކާގޮތުގައި ކުރިޔަށް އޮތް 15 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނަ މީހުން އިނގިރޭސި ބަހުން ވާހަކަ ދައްކާ ގައުމަކަށް އިންޑިއާ ވާނެ އެވެ. މިކަމަކީ ހިންދޫ ދީނާއި ހިންދީ ބަސް މުޅި އިންޑިއާގައި ފާ ކުރުމަށް މަސައްކަތް ކުރާ ބީޖޭޕީއަށް ގަބޫލު ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް