އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސް ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ނޭޝަން ފުޓްސަލް ކަޕް 2022 ގެ ނަމުގައި ފޯރިގަދަ ފުޓްސަލް މުބާރާތެއް ފެށިގެން ކުރިއަށް އެބަ ދެއެވެެ.
ދުވަހަށް މައުލޫމާތުދެމުން އެ ރިސޯޓުގެ ހިއުމަން ރިސޯސަސް މެނޭޖަރ ހަސަން ޝަރީފް (ޝަރީ) ވިދާޅުވީ މި މުބާރާތަކީ ކޮންމެ ރޯދަމަހަކާއި ދިމާކޮށް އެ ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތެއް ކަމަށާއި މި މުބާރާތަށް ނޭޝަން ފުޓްސަލް ކަޕްގެ ނަން ދީފައިވަނީ ކުރިއަށް އޮތް ވޯލްޑްކަޕާއި ގުޅުވައިގެން ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މި މުބާރާތަށް ނަން ދެމުން މި އަންނަނީ އެ އިރެއްގައި ދުނިޔޭގައި އޮންނަ އެންމެ ފޯރިގަދަ މުބާރާތާއި ގުޅުވައި" ޝަރީ ވިދާޅުވިއެވެ.
އެގޮތުން ހަ ޓީމެއް އެކުލަވާލައި ޓީމްތަކަށް ދުނިޔޭގެ ގައުމުތަކުގެ ނަން ދީފައިވާއިރު ޓީމްތައް ލީޑްކުރަނީ ރިސޯޓްގެ ލީޑަޝިޕް ޓީމުގެ މެންބަރުން ކަމުގައި އެ ރިސޯޓުން ބުނެއެވެ.
މި މުބާރާތުގައި ވާދަކުރަނީ ބެލްޖިއަމް ޓީމާއި އިޓަލީ ޓީމާއި އާޖެންޓީނާ ޓީމާއި ނެދަލެންޑް ޓީމާއި ކްރޮއޭސިއާ ޓީމްގެ އިތުރުން މޮނާކޯ ޓީމެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް ސެމީ ފައިނަލަށް ދާނީ އެންމެ މޮޅު ހަތަރު ޓީމު ކަމަށާއި އެއަށްފަހު ސެމީގެ މެޗުތަކުގެ ގުރުއަތުލުން ކުރިއަށްގެންދާނެ ކަމުގައި އެ ރިސޯޓުން ހާމަކުރެއެވެ.
ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި މުބާރާތުގެ ޓޮޕް ސްކޯރާގެ އިތުރުން ބެސްޓް ފައިވް ޕްރޮމިސިންގ ޕްލޭޔާވެސް ހޮވާގޮތަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދަނީ ރިސޯޓް ސްޓާފް ޝޮޕް އޮޕަރޭޓަރ (ކޯޕަރޭޓް ކޮންސިއާޖް ސާވިސް ފޮރ ހޮޓެލްސް އެންޑް ރިސޯޓް) އަދި ސޯލިހް އާޓް އެންޑް ކްރާފްޓްގެ ސްޕޮންސަރޝިޕް އެހީއާއިއެކުގައެވެ.
އެގޮތުން ރިސޯޓް ސްޓާފް ޝޮޕް އޮޕަރޭޓަރ ގެ ފަރާތުން ޗެމްޕިއަން ޓީމަށް 6000 ރުފިޔާގެ ފައިސާގެ އިނާމު، ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި ޓީމްތަކަށް ބުއިން ހަމަޖައްސައިދެއެވެ. ސޯލިހް އާޓް އެންޑް ކްރާފްޓުން، މުބާރާތުގެ ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗަށް ލަކުޑިން ތައްޔާރުކޮށްފައިވާ ކްރާފްޓެޑް، ކުޑަ ދޯންޏެއް ދެ އެވެ.
މި މުބާރާތް މި މަހުގެ ފަސްވަނަ ދުވަހު ފެށިގެން ކުރިއަށްދާއިރު މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ތާވަލުކޮށްފައިވަނީ މި ހަފްތާގެ ބުދަ ދުވަހަށެވެ. ފައިނަލް މެޗު ތާވަލުކޮށްފައިވަނީ 15 އޭޕްރީލް ވާ ހުކުރު ދުވަހަށެވެ. މުބާރާތް ކުރިއަށްގެންދަނީ ސަޓިފައިޑް ރެފްރީން ރަށުން ބޭރުން ގެންގޮސްގެންނެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ދުވަސް ނޫހެވެ. މުބާރާތުގެ ވީޑީއޯގްރާފަރަކީ ސަމީއުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް