ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ ވޯޓު ހުށަހެޅުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކަށް ބަދަލު ގެނައުމަށް ޕީޕީއެމް އިން ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
މި ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރައީސްގެ އިތުރުބާރު ނެތްކަމަށް ވޯޓު ނަގަން ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއި އެކު ކަމަށެވެ.
މި އިސްލާހު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 46 މެންބަރުންގެ ތާއީދާއި އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެ ވަޑައިނުގެންނަވަ އެވެ.
މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ ހ އާއި ށ އަދި އެ މާއްދާއަށް އިތުރު އަކުރެއް އިތުރު ކުރުމަށެވެ.
އެ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅޭނީ 42 މެންބަރުން ގެ ސޮޔާއި އެކު އެވެ. ކުރިން އެ މާއްދާ އޮތް ގޮތުން 15 މެންބަރުންގެ ސޮޔާއި އެކު އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅޭނެ އެވެ.
މަޖިލީހުން މިގޮތަށް ފާސްކުރުމުން މާދަމާއަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓާއި މަޖިލީހަށް އިއްޔެ އަލުން ހުށަހެޅި ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ބާތިލްވީ އެވެ.
މާދަމާގެ ޖަލްސާ އޮންނާނެ ކަމަށް ރިޔާސަތުން އިއުލާނު ކުރެއްވި ނަމަވެސް މާދަމާ ނެގުމަށް ހަމަޖެހިފައިވާ މޫސަގެ އިތުބާރުނެތްކަމުގެ ވޯޓާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް ވިދާޅެއް ނުވެ އެވެ.
ބައެއް ގާނޫނީ ވަކީލުން މި މައްސަލައިގަ ވިދާޅުވީ މިއަދު މި އިސްލާހު ފާސް ކުރި ނަމަވެސް ކުރިން ހުށަހަޅާފައިވާ މައްސަލައެއްގައި ވޯޓު ނެގެންޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް