ދ. ބަނޑިދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ހިންގައިފި އެވެ.
"ކާމިޔާބު ދިރިއުޅުމަކަށްޓަކައި ނަފްސު އިސްލާހު ކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމް އަމާޒުކުރެވުނީ ގްރޭޑް ފަހަކުން މަތީގެ ދަރިވަރުންނަށާއި އެ ސްކޫލުގެ ހުރިހާ ބެލެނިވެރިންނަށް ކަމަށް ފުލުހުންގެ މީޑިޔާއިން މަޢުލޫމާތު ދެއެވެ.
މި މަހުގެ ހަތަކުން އަށަކަށް ގެންދިޔަ މި ޕްރޮގްރާމު ވަނީ ދެ ސެޝަނަކަށް ކުރިއަށް ގެންގޮސްފަ އެވެ. ދަރިވަރުންނަށް ވަކި ސެޝަނެއް އަދި ބެލެނިވެރިންނަށް ވަކި ސެޝަނެއްގެ ގޮތުގަ އެވެ.
ބެލެނިވެރިންގެ ސެޝަނުގައި ރަގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންވީ ކަންކަމާއި ދަރިންގެ ކުރިމަތީގައި އެއްވެސް ވަރަކަށް ދޮގު ނުހެދުމަށާއި، މައިން ބަފައިން ދަރިންަށް ރަގަޅު ނަމޫނާއެއް ދައްކާ ބަޔަކަށް ވުމަށާއި، ދީނީ ކަންކަމަށް ސަމާލުކަންދިނުމަށް ދަރިންނަށް ވިސްނައިދިނުމުގެ އިތުރުން ކޮންމެ ދަރިއަކީވެސް ދެމަފިރިން ބޭނުންވެގެން ހޯދާ ދަރިއަކަށް ހެދުމުގެ މުހިއްމުކަމުގެ މައްޗަށް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.
ދަރިވަރުންނަށް ބޭއްވުނު ސެޝަނުގައި ހަށިގަނޑު ރަގަޅަށް ބެލެހެއްޓުމަށާއި ސިކުނޑި ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ލިބޭވަގުތު ހެޔޮ ގޮތުގައި ބޭނުންކުރުމާއި ފިލާވަޅު ދަސްކުރަން އެންމެ މުހިއްމު ވަގުތާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ސަރުކާރުގައި 37 އަހަރު ޚިދުމަތް ކޮށް ރިޓަޔަރ ވެފައިވާ ފ.ނިލަންދޫ މިރިހި މުޙައްމަދު ޖަލީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް