ރައުދާގެ މަރުގެ މައްސަލައިގަ ސީރަތުގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅައިފި

ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖުގައި ދަންޖެހިގެން މަރުވެފައި ހުއްޓާފެނުނު ކަމަށް ބުނާ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލައިގަ އޭނާގެ އެކުވެރިޔާ ސީރަތް ޕަރްވީން އާއި ދެކޮޅަށް ދައުވާ ކު...

10 Apr 2017 | 07:02

ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖުގައި ދަންޖެހިގެން މަރުވެފައި ހުއްޓާފެނުނު ކަމަށް ބުނާ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލައިގަ އޭނާގެ އެކުވެރިޔާ ސީރަތް ޕަރްވީން އާއި ދެކޮޅަށް ދައުވާ ކުރަން އާއިލާއިން ހުށަހަޅައިފި އެވެ.

ކޯޓުން ވަނީ މިހާރު އެ މައްސަލަ ބަލައިގެންފައި އެވެ.

މި މައްސަލައިގަ ދައުވާ ކުރަން ރާޖްޝާހީގެ ޗީފް މެޓްރޮޕޯލިޓަން މެޖިސްޓްރޭޓް ކޯޓަށް މިމައްސަލަ ހުށަހެޅީ ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް އެވެ. ރައުދާގެ އެންމެ ގާތް އެކުވެރިޔާ ސީރަތު ޕަރްވީން އަކީ ރައުދާ މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ މީހާ އެވެ.

އެ ދައުވާގައި ބުނެފައިވަނީ ސީރަތުގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރަން ނިންމީ ރައުދާގެ މަރު ހިނގައިދިޔަ ގޮތް ރާޖްޝާހީގެ ފުލުހުންނާއި ސީރަތު ޕަރްވީން ކިޔައިދިންގޮތާއި އޮޓޮޕްސީއިން ފެންނަން ހުރި ހެކިތައް ދިމާނުވާ ތީ ކަމަށެވެ. އެހެންކަމުން ރައުދާ އަމިއްލައަށް ދަންޖެހިގެން މަރުވިކަމަށް ބެލެވެން ނެތް ކަމަށް އާއިލާއިން ކޯޓަށް ހުށަހެޅި ލިޔުންތަކާ2ި ބެހޭގޮތުން ރައުދާގެ ބައްޕަ މީޑިއާގައި ބުނެފައިވެ އެވެ.

އަދި ރައުދާ މަރާލާފައިވަނީ ކަރުގައި ހިފައިގެން ކަމަށެވެ. ރައުދާ މަރުވުމުން އޭނާގެ އައިފޯން އަންލޮކްކޮށް، އިންސްޓަަގްރާމް އެކައުންޓަށް ވަދެ އޭގެން ސީރަތުގެ ނަން ޑިލީޓްކޮށްފައިވަނީ އޭނާ އަމިއްލައަށް ކަމަށް ހުށަހެޅި މައްސަލައިގަ ބުނެފައިވެ އެވެ.

މީގެ އިތުރުން ސީރަތު ވަނީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެންކަން ދައްކަން މަސައްކަތް ކޮށްފައި ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އާއިލާއިން ބުނެފައިވަނީ ރައުދާގެ މަރުގެ މައްސަލައިގަ އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ސީރަތުގެ މައްޗަށް ކަމަށާއި އެކަމުގެ ހެކި އެބަ ހުރި ކަމަށެވެ.

ރައުދާ މަރުވެފައި އޮއްވެ ފެނިފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހެނދުނު އެވެ.  ރައުދާގެ މަރުވި ގޮތް ދެނެގަތުމަށް ހެދި އޮޓޮޕްސީ ރިޕޯޓުގައި ވަނީ އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް