ގާސިމް ހައްޔަރުކޮށްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގެ އުސޫލުތަކާއި ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ކިނބިދޫ ދާއިރާގެ މެނ...

10 Apr 2017 | 06:55

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގެ އުސޫލުތަކާއި ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހަށް ހުށްހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

އޭނާ މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން މެންބަރެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅެމުންދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ފާސް ކުރުމަށެވެ.

މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލީ ގަވައިދުގައި ބުނާ ޝަރުތުތައް ފުރިހަމަ ކޮށްފައި ނުވާތީ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވި އެވެ. އެކަމަކު ފުރިހަމަ ނުވަނީ ކޮން ޝަރުތުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒު ގަވައިދުގަ ވަރަށް ސާފުކޮށް މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ވެށިން ނޫން ގޮތަކަށް ހައްޔަރު ކުރެވޭނީ މަޖިލީހުގެ ހުއްދަ އާއި އެކު ކަމަށް ބުނެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް