ބީއެމްއެލްގެ އޭޓީއެމްއެއް ބ. ދަރަވަންދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސެލްފް ސާރވިސް ބޭންކިންގެ ޙިދުމަތްދޭ  އޭޓީއެމް އެއް ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާރޕޯޓްގައި ހުޅުވައިފިއެވެ. މިއަދު ހަވީރު ބީއެމްއެލްއިން ދަރަވަންދޫގައި ބޭއްވި ޙާއްޞަ...

09 Apr 2017 | 19:47

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސެލްފް ސާރވިސް ބޭންކިންގެ ޙިދުމަތްދޭ  އޭޓީއެމް އެއް ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާރޕޯޓްގައި ހުޅުވައިފިއެވެ.

މިއަދު ހަވީރު ބީއެމްއެލްއިން ދަރަވަންދޫގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި މި އޭޓީއެމް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު  ޑރ. އަޙްމަދު ޒިޔާދު ބާޤިރެވެ.

މި އޭޓިއެމްއަކީ ބީއެމްއެލް އިން ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގުރާމްގެ ދަށުން އެ ބޭންކްއިން ދޭ ޙިދުމަތްތައް ފުޅާކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ހުޅުވި އޭޓީއެމްއެކެވެ. މި އޭޓީއެމް މެދުވެރިކޮށް ފައިސާނެގުމާއި، ފައިސާ ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފާކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.

"ދަރަވަންދޫގެ ރައްޔިތުންނަށާއި، ވިޔަފާރީކުރާ ފަރާތްތަކާއި އަދި އިޤްތިޞާދަށް ބީއެމްއެލްއިން މިހާރު ކުރިއަށް ގެންދާ އިންވެސްޓްމެންޓް ޕްރޮގުރާމްގެ ދަށުން އެހީތެރިވެދެވޭތީ އުފާކުރަން. މިއަދު ހުޅުވިގެން މިދިޔަ ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމްއަކީ މި ޤައުމުގެ ރައްޔިތުންނަށް ބޭންކްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ގިރާކުރެވުނު އިތުރު މުހިންމު ހަރުފަތެއް." ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަން މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ދަރަވަންދޫ ކައުންސިލްގެ މެމްބަރު ޢަލީ ޝަފީޤް ދުވަސްއެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ދަރަވަންދޫގައި މިއަދު ހުޅުވިގެންދިޔަ އޭޓީއެމްއަކީ ދަރަވަންދޫ ރަށު ކައުންސިލުގެ އިސްނެންގެވުމުގެ މަތިން ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. "އޭޓީއެމްއެއް ރަށުގައި ހުޅުވުމަށްޓަކައި ރަށު ކައުންސިލްގެ މެމްބަރުންގެ އިތުރުން ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބުނު. މި ފުރުޞަތު އެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން." ޝާފީގް ވިދާޅުވިއެވެ. ޝަފީގް އިތުރަށް ވިދާޅުވީ އޭޓީއެމްއެއް ހުޅުވިގެން ދިއުމާއެކު އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ ރަށުގައި ވިޔަފާރީކުރާ ފަރާތްތަކަށްކަމަށެވެ.

"ކުރިން ބޭންކްގެ ޙިދުމަތެއް ހޯދަންވެއްޖެނަމަ ދާންޖެހެނީ އޭދަފުއްޓަށް ނޫނީ ޖެހެނީ ބޭންކް ދޯނި އަންނަންދެން މަޑުކޮށްގެން ތިބެން. އަޅުގަނޑުމެން ކަހަލަ ވިޔަފާރީ ކުރާ ފަރާތްތަކަށް އަސްލު ވަރަށް ދަތިވޭ އޭޓީއެމްއެއް ރަށުގައި ނެތުމުން." ދަރަވަންދޫއިން ދުވަސްއެމްވީއާއި ވާހަކަދެއްކި ވިޔަފާރީވެރިއަކު ބުންޏެވެ.

ބ. އަތޮޅުގެ ގިނަ ބަޔަކު މިހާރު ބޭނުން ކުރަމުން އަންނަނީ ބީއެމްއެލް އޭދަފުށީ ބްރާންޗުގައި ހުންނަ އޭޓީއެމްއެވެ. ދަރަވަންދޫގައި ހުޅުވި މި އޭޓިއެމްއާއެކު ބ. އަތޮޅުގައި ބީއެމްއެލްއިން އޭޓީއެމްގެ ޚިދުމަތްދޭ ދެ ރަށެއް ހުންނާނެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބީއެމްއެލްއިން އަންނަނީ އާ ބްރާންޗްތަކާއި ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށް، ބޭންކުގެ ޚިދުމަތް އިތުރަށް ފުޅާ ކުރަމުންނެވެ. އެ ގޮތުން މުޅިރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ވިހި އަތޮޅުގައި 34 ބްރާންޗް، 84 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 26 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަދި ފަސް ދޯނި ބޭންކިންގ ޔުނިޓުގެ ޚިދުމަތް ބީއެމްއެލްއިން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް