ޤައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނެއް ސަލާމަތީ ޚިދުމަތްތަކުން ކުރިއަށްގެންދާކަމަށްބުނެ ފުލުހުން ނޫސްބަޔާނެއް ނެރެމަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ބަޔާން ސޯޝަލް މީޑިއާ އެކައުންޓްތަކުން ނަގައިފިއެވެ.
ފުލުހުންގެ އެ ނޫސްބަޔާނުގައި ބުނެފައިވަނި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިން ޚާއްޞަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް އެބަ ގެންދާ ކަމަށެވެ.
"އޮޕަރޭޝަނުގެ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނަން" ފުލުހުންގެ އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ނޫސްބަޔާން ޑިލީޓު ކުރި ނަމަވެސް ގިނަ މީޑިއާތަކަކުން އެ ނޫސްބަޔާނާ ގުޅޭ ޚަބަރު ކަވަރު ކުރިއެވެ.
އެ ނޫސްބަޔާން ސޯޝަލް މީޑިއާ އެކައުންޓްތަކުން ނެގީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ އެ ނޫސްބަޔާނާ ގުޅޭ ހައްސާސް މަޢުލޫމާތެއް ކަށަވަރު ކުރަން ޖެހޭތީ އެ ނޫސްބަޔާން ނެގީ ކަމަށެވެ. އަދި ޞައްޙަ މަޢުލޫމާތު އެކަން ކަށަވަރުވީހާ އަވަހަކަށް ހިއްސާކުރާނެ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް