ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް ޝަމްއާ

ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާއީލް އައްޔަންކޮށްފިއެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓ...

10 Mar 2025 | 11:08

ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާއީލް އައްޔަންކޮށްފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާއަށް މަރުޙަބާ ދަންނަވާފައިވެއެވެ.

އެ މަޤާމަށް ޝަމްއާ އައްޔަންކޮށްފައިމިވަނީ ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމުގައި ކުރިން ހުންނެވި މަރިޔަމް ވިޝާމް އިސްތިޢުފާ ދެއްވުމުންނެވެ.

މަރިޔަމް ޝަމްއާ އިސްމާއީލް އަކީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކޮންޒިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް އައްޔަންކުރެވިގެންދިޔަ ފަރާތެކެވެ.

ކޮންސިއުމަރ އޮންބަޑްސްމަން އޮފީހުގެ ވެބްސައިޓުގައިވާގޮތުގައި އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް ވަނީ 2004 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލަރ އޮފް ލޯސް ހާސިލްކޮށްފައެވެ. ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލީގަލް ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ.

އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމު ކުރިން އަދާކުރައްވާފައެވެ.

އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ 31 އޮގަސްޓު 2021 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް