ކުރިއަށް އޮތް ދެ ދުވަހު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެދާނެކަމަށް މެޓުން ލަފާކޮށްފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފައިވަނި ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ 11 އަދި 12 މާރިޗް ގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
"ވީމާ، އާންމުކޮށް ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލު ވުމަށް ދަންނަވަން" މެޓުން ބުނެފައިވެއެވެ.
މެޓުން ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ލަފާކޮށްފައިވާގޮތުގައި މާދަމާ އުތުރާއި މެދުރާއްޖެއަށް ގުގުރުމާއެކު ވިއްސާރަ ކުރުން އެކަށީގެންވެއެވެ. އަދި ދެކުނަށްވެސް ވިއްސާރަކުރުން އެކަށީގެންވެއެވެ.
ބުދަ ދުވަހަށް ލަފާކޮށްފައިވާގޮތުގައި އުތުރާއި މެދުރާއްޖެއަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާކަމަށާއި ދެކުނަށްވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމަށް ލަފާކޮށްފައިވެއެވެ.
ބުރާސްފަތި ދުވަހަށް ލަފާކޮށްފައިވާގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކެރީގެ އަސަރު ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް