ޑްރަގް ޓްރެފިކިންގ ހުއްޓުވުމަށް ކަނޑުދަތުރުކުރާ އުޅަނދުތަކުގައި "ޓްރެކިން ޑިވައިސް" ހަރުކޮށް މޮނިޓަރ ކުރުމަށް ރައީސް ނިންމަވައިފި

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަ...

10 Mar 2024 | 14:33

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވެސެލް ޓްރެކިންގ ޑިވައިސްއެއް ހަރުކޮށް މޮނިޓަރކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައި ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީގުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިންގ ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ޤަވާޢިދު (2015/R-229) އިޞްލާޙް ގެންނެވުމަށްވެސް ނިންމަވާފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން އިތުރަށް ބުނެފައިވާގޮތުގައި މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އަދި އެމް،އެން.ޑީ.އެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ގައި ހަމަޖެއްސެވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމަވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް