މި ރޯދަމަހު ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ސެގްމެންޓްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"އަޅުގަނޑުމެންގެ އެދުމަކީ ހުރިހާ ރައްޔިތުންނަށް ކާބޯތަކެތި ވީހާވެސް އަގުހެޔޮކޮށް ލިބޭނެގޮތެއް، ހާއްސަކޮށް މި ބަރަކާތްތެރި ރަމަޟާން މަހު ހައްދަވައިދެއްވާށޭ" ސުވާލުގައި ބުނެފައިވެއެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގުހެޔޮ ކުރުމަކީ ސަރުކާރުން އަބަދުވެސް ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށާއި ބަރަކާތްތެރި ރަމަޟާން މަސް ފެށިގެންދާއިރުގަ އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވާކަމަށެވެ.
"އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތި އަގުހެޔޮ ކުރުމަށްޓަކައި." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މުސްތަގްބަލުގަ މެދު ރާސްތާ އަދި ދުރު ރާސްތާގަ ޕްލޭނަކީ ރާއްޖޭގަ އުފެދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގަ އުފެއްދޭގޮތް ގާއިމް ކޮށް ފުޑް ސެކިއުރިޓީ ޔަގީންކުރުން ކަމަށާއި އޭރުން ކާބޯތަކެތީގެ އަގުވެސް ދަށްވެގެންދާނެ ކުއަންޓިޓީވެސް ޔަގީންވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް