ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ ކުނި އުކައިދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނަގާ ފީ ބޮޑުކޮށްފިއެވެ.
ވެމްކޯއިން ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ ކުނި އުކައިދޭ އަގު ބޮޑު ކޮށްފައި ވާއިރު މީގެ ކުރިން ވެމްކޯއިން ސަރުކާރު ކުންފުނިތަކުން އުކައިދޭ ކުނީގެ ކޮންމެ ޓަނަކަށް 424 ރުފިޔާގެ ފީއެއް ނަގަމުން އަންނައިރު ޕްރައިވެޓް ކަލެކްޓާސްގެ އަތުން ޓަނަކަށް ނަގަނީ 212 ރުފިޔާގެ ފީއެކެވެ.
މިކަން ހާމަކޮށް ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ ކުނި ނެގުމުގެ ހިދުމަތުގެ ފީއެއްގެ ގޮތުގައި ޓަނަކަށް 2،660 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ޤަވާއިދަށް އަމަލު ކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
ހަމައެހެންމެ ކުނި މެނޭޖްކުރުމާ ބެހޭ ޤަވައިދަށް ގެނައި އިސްލާހާ އެއްގޮތަށް ވަކިނުކޮށް ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު އިތުރަށް 1،000 ރުފިޔާ ނަގާނެ ކަމަށް ވެސް ވެމްކޯއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ވެމްކޯއިން ބުނީ މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ކުނީގެ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އިކޮނޮމިކް ކައުންސިލާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކުނި މެނޭޖްކުރާ ގާނޫނާއި ޔުޓްލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން ވެމްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުތަކަށް މި މަހުން ފެށިގެން ބަދަލު ގެނައުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފާސްކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް