ޓެކްސީ އަގުބޮޑު ކުރުމާއި މެދު ޓްރާންސްޕޯޓު މިނިސްޓްރީން ގޮތެއް ނިންމަނީ

ޓެކްސީ އަގު ބޮޑު ކުރުމާއި ގުޅޭގޮތުން ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި ޝަކުވާތަކާއި މެދު ގޮތެއް ނިންމާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ. ޓެކްސީ ޑްރައިވަރުން ކުރިން ނިންމާފަ...

10 Mar 2022 | 11:30

ޓެކްސީ އަގު ބޮޑު ކުރުމާއި ގުޅޭގޮތުން ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި ޝަކުވާތަކާއި މެދު ގޮތެއް ނިންމާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

ޓެކްސީ ޑްރައިވަރުން ކުރިން ނިންމާފައި އޮތީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ދަތުރު ކޮށްދޭ އަގު ބޮޑު ކުރުމަށެވެ. އެގޮތަށް ނިންމީ މާލެ އާއި ހުޅުމާލޭގެ ހުރިހާ ޓެކްސީ ޑްރައިވަރުން މަޝްވަރާ ކުރުމަށް ފަހު ކަމަށް ބުނެފައިވެ އެވެ. އަދި އެމީހުން ވަނީ މިއަދުގެ ނިޔަލަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް މުހުލަތެއް ދީފަ އެވެ.

މިއަދު ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރުމަށް ފަހު މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ. މީގެ ކުރިން މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ގޮތެއް ކަނޑަނާޅަނީސް ބޭނުން އަގެއް ނުނެގޭނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާރު ޝިމާޒް އަލީ މީޑިއާގައި ވިދާޅުވީ ދަތުރުތައް ކޮށްދޭ އަގުތައް ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމިޔަސް، އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ. މިނިސްޓްރީން ފާސްކޮށް، އިއުލާން ކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ދަތުރުތަކަށް ނަގާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދަތުރުތަކުގެ އަގު ބޮޑު ކުރާށެވެ. މިގޮތަށް ނިންމީ ހުޅުމާެލެ އާއި މާލޭ ސެންޓަރުތަކުން ބައްދަލުކޮށް މަޝްވަރާ ކުރުމަސް ފަހު އިއްތިފާގުން ކަމަށް ބުނެފައިވެ އެވެ.

ޓެކްސީ ދަތުރުތަކަށް ގެންނަން ނިންމާފައިވާ ބަދަލު:

މާލޭގެ އެތެރޭގެ ދަތުރެއް- 30 ރުފިޔާ

– ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ ދަތުރުތައް – 25 ރުފިޔާ

– މާލެއިން ހުޅުމާލެ އަށް – 100 ރުފިޔާ

– މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް – 80 ރުފިޔާ

– ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް – 120 ރުފިޔާ

– ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް – 40 ރުފިޔާ

– މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ

– ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް – 120 ރުފިޔާ

މީގެ އިތުރުން ރޭ ގަނޑު12:00 އާއި ހެނދުނު6:00 އާއި ދެމެދު ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރު ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް