10 ދާއިރާއަކުން ސުޕާ ސްޕެޝަލިޓީޒް އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމުގެ ހާއްސަ ސްކޮލަޝިޕް ސްކީމެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ތައާރަފްކޮށްފިއެވެ.
އެ ސްކޮލާޝިޕްތައް އިއުލާންކޮށްފައި ވަނީ ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެއީ ސަރުކާރުގެ އޮފީސްތަކުގެ ތިން އަހަރުދުވަހުގެ "ޓްރެއިނިން ނީޑްސް" ގައި ފާހަގަކުރެވިފައިވާ، އަދި ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކީމެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ސުޕާ ސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރަށް ހަ ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށް ކަމަށެވެ. އެ ހަ ރީޖަނަލް ހޮސްޕިޓަލަކީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުސަމަދް މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި މ. މުލީ ރީޖަނަލް ހޮސްޕިޓަލެވެ.
މިނިސްޓްރީން ބުނީ މި ސްކޮލާޝިޕް ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޮލާޝިޕް ސްކީމްގެ ދަށުން އެ ހޮސްޕިޓަލްތަކުން ވަނީ 10 ދާއިރާއަކުން ސުޕާ ސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށް އެދިފައިވެއެވެ. އެ ދާއިރާތަކަކީ:
- ނެފްރޮލޮޖީ،
- ކާޑިއޯ ވެސްކިއުލާ،
- ތޮރޭސިކް ސާޖަރީ،
- އެންޑޯކްރައިނޮލިޖީ އެންޑް ޑައިބެޓިކް،
- ގޭސްޓްރޯއެންޓިރޯލޮޖީ އަދި ހެޕަޓޮލޮޖީ،
- އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ،
- މެޑިކަލް އޮންކޮލޮޖީ،
- ޕީޑިއެޓްރިކް ނިއުރޯލޮޖީ،
- ރިއުމަޓޮލޮޖީ،
- ސާޖިކަލް އޮންކޮލޮޖީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް