ރޯދަޔަށް އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ...

10 Mar 2022 | 09:22

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ.

އާބާތުރަ ފިލުވުމުގެ ގޮތުން ކުރާ މައިގަނޑު ކަންކަމުގެ ތެރޭގައި އިސްލާމީ މަރުކަޒު ބޭރުފާރުތައް ދޮވެ ސާފު ކުރުމާއި، އެތެރެ ފޮޅާސާފު ކުރުމާއި، މިހުރާބުގޭގެ ކެލިގްރަފީ އާކުރުން ހިމެނެއެވެ.

މީގެ އިތުރުން އަންހެނުން ނަމާދުކުރާބައިގައި އިތުރު ފަންކާ ހަރުކުރުމާއި، އިސްލާމީ މަރުޒަކުގެ ގޯތިތެރޭގައި ހަލާކުވެފައިވާ މާބުލްތަށް ނަގާ އާ މާބުލްޖެހުން ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފާއިތުވެ ތިން އަހަރު ރަމަޟާންމަހުވެސް އިސްލާމީ މަރުކަޒުގައި ބޮޑެތި މަރާމާތުތައްކޮށް ޒީނަތްތެރިކޮށްފައި ވާކަމަށެވެ.

މިގޮތުން ކެލިގްރަފީ ބޯޑުތަށް މަރާމާތުކޮށް ރީތި ކުރުމާއި،ލަކުޑި ޖާލިތައް ބަދަލު ކުރުމާއި، ކުލަ އާކުރުމާއި، ބޮކިތަކާއި ފަންކާ ބަދަލު ކުރުމާއި، އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރު އައު ކުރުމާއި، ބޮޑު އިތުރު ދެފަންކާ ހަރުކުރުމާއި، ޗާންދަލިޔާ އާކުރުމާއި، އިސްލާމީ މަރުކަޒުގެ ސައުންޑް ސިސްޓަމް ބަދަލުކޮށްފައި ވެއެވެ.

އިސްލާމީ މަރުކަޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަށް ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާއެވެ. އެހެންކަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްލާމީ މަރުކަޒު ކޮންމެ އަހަރަކު ރަމަޟާންމަހަށް ޚާއްސަކޮށްގެން އާބާތުރަފިލުވާއި ޒީނަތްތެރި ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް