ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އައިއޭއެސް އިން މިއަދު ބުނީ ލަންކާ ސަރުކާރުން ދެކުނު އޭޝިއާގެ ގައުމުތަކަށް ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލުމާ އެކު މި އެއާޕޯޓަށް ދަތުރުތައް ފެށުމުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.
އަދި މި މަހުގެ 27 ވަނަ ދުވަހު އެ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން، މިމަހުގެ 29، އަދި 31 ވަނަ ދުވަހަށާއި އަންނަ މަހުގެ ތިންވަނަ ދުވަހަށް ވަނީ ދަތުރުތައް ޝެޑިއުލްކޮށްފައި ކަމަށް އައިއޭއެސް އިން ބުނެއެވެ.
މޯލްޑިވިއަންގެ ވެބްސައިޓް އަދި މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަނުން ރަތުމަލާނާ އެއާޕޯޓަށް ދަތުރުކުރުމަށްޓަކައި ބުކިން ހެއްދުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް ޓިކެޓްގެ އަގު އަދި ހާމައެއް ނުކުރެއެވެ.
ރަތުމަލާނާގެ އެއާޕޯޓާ ކައިރި ސަރަހައްދުތަކުގައި ވަރަށް ގިނަ ދިވެހިން ދިރިއުޅުމަކީ މި އެއާޕޯޓަށް ދަތުރުތައް ފަށާ އެއް ސަބަބު ކަމަށާއި މި ދަތުރުތަކުގެ ސަބަބުން ދިވެހިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އައިއޭއެސް އިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް