ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހއ. މޮޅަދޫގައި އީކޯ ޕާކެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. މޮޅަދޫ ކުޅީގައި އީކޯ ޕާކެއް ގާއިމްކޮށްފިއެވެ. މިއީ ރަށުގެ ކުޅީގެ ޤުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ޤާއިމްކޮށްދި...

10 Mar 2022 | 07:55

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. މޮޅަދޫ ކުޅީގައި އީކޯ ޕާކެއް ގާއިމްކޮށްފިއެވެ.

މިއީ ރަށުގެ ކުޅީގެ ޤުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ޤާއިމްކޮށްދިނުމާއެކު ކުޅީގެ ޤުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެތަނުގެ މައުލޫމާތު ޒިޔާރަތްކުރާ މީހުންނާއި ހާއްސާކޮށް ރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިންގ ޕްލެޓްފޯރމެއް ވަނީ ތަރައްގީކޮށްފައެވެ. އަދި ކުޅި ހިމެނޭ ސަރަޙައްދުގައި ބެންޗުބަހައްޓައި، ޖޯލިފަތި، އުނދޯލި އަދި ޑަސްބިން ބަހައްޓައި ސޯލާ ބައްތިވަނީ ހަރުކޮށްފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ޕްރޮޖެކްޓް ކާމިޔާބު ކުރި ޗިލް ބްރޯސް ޖަމިއްޔާގެ ފަރާތުން ވިދާޅުވީ " މިއީ މި ރަށުގައި ލޯކަލް ޓްއަރިޒަމް ފުޅާކުރުމާއި މި ރަށުގެ ރީތިކަން ރަށަށް ޒިޔާރަތްކުރާ ފަރާތަތްތަކަށް ފެންނާނެހެން ކުރިޔަށް ގެންދެވުނު ވަރަށް ހާއްސަ ޕްރޮޖެކްޓް އެއް. މި ސަރަހައްދަކީ މިރަށުގެ އެންމެންނަށް ވެސް ބޭނުންތެރި ތަނަކަން ވުމަކީ އަޅުގަނޑުމެންގެ އުންމީދު."

ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރެވުނު ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް