ރައްޔިތުންގެ މަޖިލިހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަނީ އަބްދުލްހަކީމް އެލިއާ އިންވެސްޓްމަންޓަށް ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް، ހުކުމް ދަމަހައްޓައިފިއެވެ.
ހައި ކޯޓުން މިގޮތަށް ހުކުމް ކުރީ އަބްދުލްޣަނީގެ ބޮޑު ހިއްސާއެއް އޮންނަ އަދި މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ލޮގް ވުޑް މޯލްޑިވްސް އާއި އޭނާގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލައަކާއި ގުޅިގެނެވެ. އެ މައްސަލަ ސިވިލް ކޯޓުން ޣަނީ އާއި އޭނާގެ ކުންފުންޏާ ދެކޮޅަށް ނިންމުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރީއެވެ.
ހައި ކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ޣަނީ އާއި އޭނާގެ ކުންފުނީގެ މައްޗަށް ހުކުމް އައީ ދައްކަން ޖެހި ނުދައްކަވާ އޮތް 455،368ރ. އާއި ވަކީލުގެ ހަރަދަށް ދިޔަ 68،305ރ. އާ އެކު ޖުމްލަ 523،673ރ. އެކީ އެއް ފަހަރަކާ ހޯދުމަށެވެ.
ދެ ފަރާތުގެ ޣައިރު ހާޒިރުގަ ސިވިލް ކޯޓުން ލޮގް ވުޑް އާއި ޣަނީގެ މައްޗަށް ހުކުމް ކުރީ ހުކުމް ކުރި ތާރީހުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭ ވަރު ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނީ ދަރަނި ދެއްކުމުގެ ގޮތުން ކުންފުނީގެ މެދުގައި ހަދާފައިވާ "ޑެޓް ސެޓުލްމަންޓް އެގްރީމަންޓް" އަކީ ލޮގް ވުޑް އާއި ޣަނީ އާއި އެ މުއާމަލާތަށް ގެރެންޓީ ދީފައިވާ ފަރާތުގެ ހައިސިއްޔަތުން ޣަނީ ދައްކަން ޖެހޭ ފައިސާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކައިން އެ ދެ ކުންފުނީގެ ދެމެދުގައި ހެދި އެއްބަސްވުމުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައިވާ ނުވާ ކަމަށާއި އެއްބަސްވުމުގައި ސޮއި ކުރުމަށް ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން އިންކާރު ނުކުރާ ކަމަށް ހައި ކޯޓުން ކުރި ހުކުމްގައި ބުނެއެވެ.
އެއްބަސްވުމުގެ ދީބާޖާ އަށް ބަލާ އިރު، އެ އެއްބަސްވުމަކީ އެލިއާ އިންވެސްޓްމަންޓްސް އަށް ދައްކަން ނުޖެހި ނުދެއްކިވާ ފައިސާ ދެއްކުމުގައި އަމަލު ކުރާނެ ގޮތުގެ މައްޗަށް ވެފައިވާ އެއްބަސްވުމެއް ކަން އެންގެން އޮންނަ ކަމަށް ޣަނީ ގެ މައްޗަށްކުރި ހުކުމުގައި ބުނެއެވެ. އަދި އެ ހުކުމުގައި ވާގޮތުން އެއްބަސްވުމުގައި އިސްތިއުނާފް ކުރާ ފަރާތުގެ ހައިސިއްޔަތަކީ ލޮގް ވުޑްގެ ފަރާތުން ގެރެންޓީ ނުވަތަ ޔަގީންކަން ދޭ ފަރާތް ކަމުގައި އެނގެން އޮވެއެވެ.
އިތުރަށް ހުކުމުގައިވާ ގޮތުން އެލިއާ އިންވެސްޓްމަންޓަށް ދައްކަން ޖެހޭ ފައިސާ އަށް މަހަށް ބަހާލައިގެން ދެއްކުމަށް ގެރެންޓަ އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުމުގައި އިސްތިއުނާފް ކުރި ފަރާތުން ސޮއިކުރި އިރު، އެ ފަރާތުން ސޮއިކުރީ ވެސް ލޮގް ވުޑްގެ ގެރެންޓާގެ ހައިސިއްޔަތުން ކަން އެނގެން އޮވެއެވެ. އަދި ހުކުމުގައި ބުނީ އެ ދަރަންޏަށް ފުރިހަމަ ޒިންމާ އަބްދުލްގަނީ ފަރުދީ ގޮތުން ނަގާނެ ކަމަށް އެގްރިމަންޓުގައި ސާފުކޮށް ބަޔާންކޮށް، އާންމު އުސޫލުން ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ އޭނާގެ ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ޒިންމާވާންޖެހޭ ފަރާތެއް ނޫންކަމަށެވެ.
އެކަމަކު ހުކުމުގައިވާ ގޮތުން އިސްތިއުނާފް ކުރާ ފަރާތުން އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތަކުން ނޫން ކަން ވަރަށްވެސް ސާފުކޮށް އެނގޭ ކަމަށާއި އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާއަށް ގެރެންޓީ ދީފައިވަނީ ފަރުދީ ގޮތުން އެ ފައިސާއަށް ޒިންމާވާނޭ ކަމަށް ޔަގީންކަން ދީ އެފަދައިން އެއްބަސްވެގެންކަން އެނގެން އޮވެއެވެ.
ގާނޫނީ ހަމަތަކުގެ މަތިން ދެފަރާތުން ހަދާ އެއްބަސްވުންތަކަކީ އޭގެ ދަށުން އުފުލަންޖެހޭ އެންމެހާ ޒިންމާތައް އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އުފުލުން ލާޒިމްވުމުން، މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ހުކުމްކުރި އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ޣަނީ ހުންނެވިނަމަވެސް މައްސަލަ ކޯޓަށް ހުޅަހެޅުނު އިރު ޣަނީ އަކީ މެންބަރެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް