އައްޑޫ ސިޓީ މީދޫ އާއި ހުޅުދޫ ގެ މަޝްރޫޢުތަކުގެ މަސައްކަތްތައް މެދުކެނޑުމަ ކަށްފަހު އަލުން ފަށާފައި ވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އައްޑޫ ސިޓީ ހުޅުމީދޫ މަޝްރޫޢުތައް މެދުކެނޑުނީ އެމް.ޓީ.ސީ.ސީ ސައިޓްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ކޮވިޑްއަށް ޕޮޒިޓިވްވުމުގެ ސަބަބުންނެވެ.
ސ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 35.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ މި މަހުގެ 25 ކަމަށް އެމްޓީސީސީން ބުނެއެވެ. މީދޫގެ އެހެނިހެން މަޝްރޫޢުތަކަށް ބަލާލާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މިމަސްތެރޭ ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.
ހުޅުދޫ ގައި އެމްޓީސީސީއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބަލާލާއިރު، ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރުގެ މަގަތު ފާލަމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަސްތެރޭ ފަށާގޮތަށް ހަމަޖެހިފައި ވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ 65.1 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުތަކަކީވެސް އެމްޓީސީސީއިން ވަރަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިގޮތުން، ހުޅުދޫ ރައްޔިތުންގެ އިންތިޒާރަށް ނިމުންގެނެސްދީ ހުޅުދޫ ބަހާއުއްދީން މަގުހެދުމުގެ މަޝްރޫޢު، މިއަހަރުގެ އޭޕްރީލް މަސްތެރޭ ނިންމުމަށް އެމްޓީސީސީއިން ވަނީ އަމާޒު ކޮށްފައެވެ.
އެމްޓީސީސީގެ މަޝްރޫޢުތަކަކީ އެހެނިހެން ސިނާޔަތްތަކަށްވެސް ލުއިފަސޭހައަކަށް ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. އައްޑޫ ސިޓީގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް މުދާއަރުވާ ބޭލުމަކީ ދަތިކަމަކަށްވާތީ، ސ. ހުޅުމީދ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް މިމަސްތެރޭ ފެށިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކުވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫޢުތައް ނިންމުމެވެ.
މިގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫޢުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ.
އަދި މިހިނގާ 2021 ވަނަ އަހަރަކީވެސް ގިނަ މަޝްރޫޢުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒެވެ.
މިވަގުތުވެސް ކުންފުނިން 47 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލަމެވެ .
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް