އަލީ ވަހީދު ފްރޭމްކޮށްފައިވާ ކަމަށް ރައީސް ގަބޫލެއް ނުކުރައްވާ!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފްރޭމްކޮށްގެން ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިނިސްޓަރަކަށް ހުން...

10 Mar 2021 | 12:12

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފްރޭމްކޮށްގެން ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ.

އަލީ ވަހީދުގެ މައްސަލައިގަ ރައީސް އެއްޗެއް ވިދާޅުވީ އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގަ މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު ވިދާޅުވުމާއި ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ. ޒަރީރު ވިދާޅުވީ އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ މައްސަލަތަކަށް ބަލާއިރު ފެންނަނީ އެއީ ސިޔާސީ ގޮތުން ކުރެވިފައިވާ ދައުވާތަކެއްގެ ގޮތުގަ ކަމަށާއި އަލީ ވަހީދު ވަނީ ފްރޭމް ކޮށްފައި ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގަ މުވައްޒަފުން ޝަކުވާ ހުށަހެޅީ ސީދާ އެމަނިކުފާނަށް ކަމަށެވެ. އަދި އެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު އެއީ ހަގީގަތް ކަން ގަބޫލު ކުރައްވާ ކަމަށެވެ.

އަދި އަލީ ވަހީދު ފްރޭމް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޝީޑަރީ ކޮމިޓީގައި އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ތަފްސީލް ކޮށްދެއްވަމުން ޒަރީރު ވިދާޅުވީ އަތް ލާން އުޅުނުކަމާ، އުޅެފާނެކަމާއި ފަހަތުން ދުއްވައިގެންކަމާއި ދުއްވައިގަނެފާނެ ކަމަށްޓަކައި ވެސް ދައުވާ ކޮށްފައިވާ ކަމަށެވެ.

ޒަރީރު ވިދާޅުވީ ބައެއްފަހަރު މިފަދަ މައްސަލަތައް ހުށަހަޅުމުގައި ރާވައިގެން މީހަކަށް ލަނޑު ދިނުމަށް ކަންކަން ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމަން ޖެހޭނީ އެކަންކަން ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވަތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް