ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަ މަހު ބޭނުން ކުރަން ފަށަނީ

ސައުދީއަރަބިއްޔާގެ އެހީގައި މާލޭގައި އަޅާފައިވާ ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަ މަހު ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ކިންގް ސަލްމާނ...

10 Mar 2021 | 11:45

ސައުދީއަރަބިއްޔާގެ އެހީގައި މާލޭގައި އަޅާފައިވާ ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަ މަހު ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކިންގް ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅަން ފެށި މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ނިމިފައި ވީނަމަވެސް މިސްކިތް ނުހުޅުވާ މައްސަލައިގަ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިސްކިތުގެ މަސައްކަތް ހުރީ ގާތްގަނޑަކަށް އެއްކޮށް ނިމިފައި ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އެތަން ބޭނުން ކުރަން ފަށަން ތައްޔާރަށް އޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަނީ ސައުދީ ސަރުކާރާއި ގުޅިގެން ނިންމަން ޖެހޭ މަސައްކަތެއް އޮތުމުން ކަމަށެވެ. ރައީސް ވިދާޅުވީ މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ މާޗު މަހު ސައުދީ ސަރުކާރުގެ އިސްވެރިން ރާއްޖެ ވަޑައިގެން ކަމަށެވެ.

އެކަމަކު ކޯވިޑާއި ގުޅިގެން އެ ދަތުރު ސައުދީން ފަސް ކުރިގޮތަށް އަދިވެސް ގޮތެއް ނާންގާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތްކުރަމުންދަނީ ސައުދީ ސަރުކާރާއި މަޝްވަރާ ކޮށް ކޮންމެސް ސިފައެއްގައި އަންނަ ރޯދަ މަހުގެ ތެރޭގައި ކިންގް ސަލްމާން މިސްކިތް ބޭނުން ކުރަން ފެށުމަށް ކަމަށެވެ.

އެ މިސްކިތަށް ސަރުކާރުގެ ބަޖެޓުން ވެސް ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން މައިގަނޑު ގޮތެއްގައި ހަރަދުކޮށްގެން އެ މިސްކިތް އެޅީ ތުރުކީގެ ކުންފުންޏަކަށް ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދީގެންނެވެ. މި މިސްކިތަކީ ސީދާ ޔާމީންގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް