ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ 10 މެމްބަރުންގެ ސޮޔާއި އެކު އިދިކޮޅު ކޯލިޝަނުންނެވެ. އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ އިތުރުން މި މައްސަލަ ވެއްދުމަށް ސޮއި ކުރެއްވީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ކުރެއްވި މެމްބަރުންނަކީ
- އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
- މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
- ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
- ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން
- މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
- ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް
- މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް
- ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު
- ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށާއި ދޭންޖެހޭ ހިދުމަތްތައް ވެސް ނުދެވޭ ކަމަށެވެ.
މީގެ އިތުރުން ބުނެފައިވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިނުދެވޭ ކަމަށާއި ސަރުކާރުން ވައުދު ވެފައިވާ ގޮތަށް "ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓަރީ" ވެސް ގާއިމު ނުކުރެވޭ ކަމަށެވެ.
"ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި، ޖާގަ ކުޑަ މަސް ފެކްޓަރީ ބޭރުގައި ކިއު ހަދައިގެން ތިބެންޖެހުން" ވެސް އެއީ ޒަހާގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ. އަދި ތެލާއި އައިސް ހޯދަން ދުރު ދަތުރުތައް ކުރަން ވެސް ޖެހޭ ކަމަށާއި މަސްވެރިންނަށް ވައުދު ނުފުއްދޭ ނަމަ ޒަހާ ވަޒީރުކަމުގައި ބެހެއްޓުމަކީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް އިތުރަށް ނިކަމެތިވާނެ ސަބަބެއް ކަމަށް، އެ މައްސަލާގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް