ލޯނެއް ނަގައިގެން މާލޭ މީހުންނަށް ގޯތި ދޭން ބިމެއް ހިއްކަނީ

މާލޭ މީހުންނަށް ގޯތި ދޭން ބިމެއް ހިއްކަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައި...

10 Mar 2021 | 07:20

މާލޭ މީހުންނަށް ގޯތި ދޭން ބިމެއް ހިއްކަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މާލޭ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫއުއެއް ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން މިދިޔަ ހަފްތާގައި ރައީސް ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ ވާހަކަ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލަށް ނުދިޔައީ އެ މަސައްކަތް އިއުލާނު ކުރާ ހިސާބަށް ނުދާތީ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ގޯތި ދިނުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ނިންމާފައިވަނީ އިތުރު ބިމެއް ހިއްކައިގެން ކަމަށެވެ. އިތުރު ތަފްސީލް ނުދެއްވަ އެވެ.

އެ މަޝްރޫއު އާއި ގުޅޭ އިތުރު ތަފްސީލް ދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަސްލަމްގެ ވާހަކަ ނިންމާލެއްވުމުން ނަޝީދު ވިދާޅުވީ މާލޭ މީހުންނަށް ގޯތިދޭން ބިން ހިއްކަން ނިންމާފައިވަނީ ލޯނެއް ނަގައިގެން ކަމަށެވެ.

ލޯނު ނަގަން މަސައްކަތް ކުރަމުންދަނީ ނެދަލޭންޑްސްގެ ބޭންކެއް ކަމަށްވާ އައިއެންޖީ ބޭންކުންނެވެ. ނަޝީދު ވިދާޅުވީ ލޯނު ހަމަޖެހުނުހާ އަވަހަކަށް އެތަން ހިންކަން ފެށޭނެ ކަމަށާއި ހިއްކާ ނިމުނުހާ އަވަހަކަށް ބިން ކަނޑައަޅައި ދޫކުރަން ފަށާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައިި ޑަޗް އައިއެންޖީ ބޭންކުން ލޯނު ނަގާއިރު އެގައުމުގެ ކުންފުންޏަކާ މަސައްކަތް ހަވާލުކުރަން ޝަރުތުކުރެ އެވެ. މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ގުޅީފަޅު ހިއްކީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އާއި ހަވާލު ކޮށްގެންނެވެ.

އަދި މިހާރު ގުޅީފަޅުގައި ވިޔަފާރި ބަނދަރު ހަދާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރަނީވެސް އެ ކުންފުނިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް