ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) މެދުވެރިކޮށް ސަރުކާރުން ތަޢާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަކަށް އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ނިންމައިފިއެވެ.
މި ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފެށިފައިވާ ސްކީމަކަށް ވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެ މިނިސްޓްރީގެ މަގުސަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އެގޮތުން މިހާތަނަށް ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށްވެސް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެ ގްރޭސް ޕީރިއަޑްއަކަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ފިނޭންސް އިން މައުލޫމާތު ދެއެވެ.
އަދި ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމުގައި ލޯން އެޕްލިކޭޝަން އިވެލުއޭޓްކުރުމުގައި އެސް.ޑީއެފް.ސީ އިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބެލޭނެ ކަމަށް ފިނޭންސް އިން ބުނެއެވެ.
އެހެންކަމުން، މި އިއުލާން ޝާއިއުކުރެވޭތާ 30 ދުވަސް ތެރޭގައި އެސް.ޑީ.އެފް.ސީ އިން ލޯނު ނަގާފައިވާ ފަރާތްތަކަށް ގްރޭސް ޕީރިއަޑް އިތުރުކުރުމުގެ އެޕްރޫވަލް ޓަރމްސްއާއެކު އެސް.ޑީ.އެފް.ސީ ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތައް އެސް.ޑީ.އެފް.ސީ އިން އެ ފަރާތްތަކަށް އަންގާތާ 30 ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އެކްސްޓެންޝަން ބަލައިގަނެ، އެކަމަށް ބޭނުންވާ ލިޔެކިޔުން ހަމަކުރަންވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޖަދުވަލު 1 – ގްރޭސް ޕީރިއަޑް އިތުރުކުރުމާއި ގުޅޭ އިތުރު މައުލޫމާތު:
- ދޫކޮށްފައިވާ ލޯނުތައް އަންނަނިވި ގޮތުގެ މަތިން ރީޝެޑިއުލް ކުރެވޭނެއެވެ:
ހ. މިހާތަނަށް ގްރޭސް ޕީރިއަޑް ހަމަވެފައިވާ ފަރާތްތަކަށް: މާރިޗު 2021 ން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށް
ށ. ގްރޭސް ޕީރިއަޑް ހިނގަމުންދާ ލޯނުތައް: ހިނގަމުންދާ ގްރޭސް ޕީރިއަޑް ނިމޭތާ 6 މަސް ދުވަހުގެ މުއްދަތަކަށް
ނ. ޑިސްބާސް ނުކޮށް ހުރި ލޯނުތަކަށް: ލޯނާއެކު ލިބޭ 6 މަހުގެ ގްރޭސް ޕީރިއަޑުގެ އިތުރުން، އިތުރު 6 މަހުގެ މުއްދަތަކަށް
- އޯވަރޑިއު ޕޭމަންޓްތައް ހުރި ފަރާތްތަކުން ގްރޭސް ޕީރިއަޑް އިތުރުކުރާނަމަ އޯވަރޑިއު ޕޭމަންޓްތައް އިތުރުކުރާ ގްރޭސް ޕީރިއަޑްގެ މުއްދަތަށް ބަހާލައިގެން ނުވަތަ އެއްފަހަރާ ދައްކުމުގެ އިޚުތިޔާރު ލިބިގެންވާނެއެވެ.
- ލޯނުގެ ފުރަތަމަ ޑިސްބާސްމަންޓް ހަދާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަކިކޮށް، ނުވަތަ މުވައްޒަފެއްގެ މުސާރަ 5,000 ރުފިޔާއަށްވުރެ ދަށްކޮށްފައިވާނަމަ، އެ ވިޔަފާރިން ނަގާފައިވާ ލޯނުގެ ގްރޭސް ޕީރިއަޑް އިތުރު ނުކުރެވޭނެއެވެ.
މި އެކްސްޓެންޝަން ރިޖެކްޓްކުރުމުގެ އިހުތިޔާރުވެސް ވިޔަފާރިތަކަށް ލިބިގެންވާ ކަމަށް ފިނޭންސް އިން ބުނެއެވެ. އަދި މި ނިންމުމުގެ ސަބަބުން ލޯނުގެ ޓެނަރ ބަދަލުވާނީ މިކަމަށް ބޭނުންވާ ލިޔެކިޔުން ހަމަކުރުމުން ކަމަށާއި މިކަމާއި ގުޅޭ އިތުރު މައުލޫމާތު މި އިއުލާނުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް