ބާޣީ ލުތުފީ ނުވަ އަހަރު ފިލައިގެން އުޅުމުން އައީ ހަތް މަހުގެ ޖަލު ހުކުމެއް

ނޮވެމްބަރު ތިނެއް 1988 ގެ އުދުވާނީ ހަމަލާ ރޭވުމުގެ މޭސްތެރިކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޣީ ލުތުފީ) ޖަލު ބަންދުގައި ހުއްޓަ ބޭސް ފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގަ ހަތް މަހާއި 18 ދުވަހަށް...

10 Mar 2021 | 06:44

ނޮވެމްބަރު ތިނެއް 1988 ގެ އުދުވާނީ ހަމަލާ ރޭވުމުގެ މޭސްތެރިކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޣީ ލުތުފީ) ޖަލު ބަންދުގައި ހުއްޓަ ބޭސް ފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގަ ހަތް މަހާއި 18 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޖަލު ބަންދުގައި ހުއްޓަ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގަ ދައުލަތުން އޭނާއާ ދެކޮޅަށް އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ. މިމައްސަލައިގަ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ ފަހު އަޑުއެހުމުގައި ބާޣީ ލުތުފީ ވަނީ އޭނާ ފިލިކަމަށް އެއްބަސްވެ ވީހާވެސް ކުޑަ ހުކުމެއް ކަނޑައަޅައި ދިނުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިފައި އެވެ.

ބާޣީ ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އިންޑިއާއަށް ފޮނުވުމުންނެވެ. އޭނާ ވަނީ ސްރީލަންކާއަށް ގޮސް އެ ގައުމުގައި ފިލައިގެން ވަރަށް މިނިވަން ކަމާއި އެކު 2019 ވަނަ އަހަރާއި ހަމައަށް އުޅެފައި އެވެ.

2019 ވަނަ އަހަރު އޭނާ އަމިއްލައަށް ލަންކާގައި ހުންނަ އެމްބަސީއަށް ދިޔައީ ލަންކާގައި ހިންގި ބޮންގޮއްވުމުގެ ހާދިސާ އައި ގުޅިގެން ގަވައިދާ ހިލާފަށް އެ ގައުމުގައި އުޅޭ މީހުން ސިފައިން ނުކުމެ ހައްޔަރު ކުރަން ފެށުމުންނެވެ.

އޭނާ އެމްބަސީގައި ދިރިއުޅެމުންދާކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭރު އޭނާ އެތަނުގައި ހިމާޔަތް ހޯދައިގެން ހުންނަތާ  11 ދުވަސް ވެއްޖެ އެވެ. އެކަމާއި ގުޅިގެން ރައްޔިތުުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން ދިވެހި ފުލުހުން ގޮސް ލުުތުފީ ރާއްޖެ ގެނައީ 2019 ޖުލައި ނުވަ ވަނަ ދުވަހު އެވެ.

މިހާރު ބާޣީ ލުތުފީ ހުރީ މާފުށީ ޖަލުގައި އެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް