އަވައްޓެރި އިންޑިއާ އާއި ޕާކިސްތާނަކީ ޒަމާންވީ ދެ ހަތުރުންނަށް ވާއިރު މިފަހަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަނީ ގޯސްވެފައި އެވެ.
ގުޅުން ގޯސްވެފައިވާ މިންވަރަކީ ދެ ގައުމުގެ ދެމެދު އެއްވެސް މަޝްވަރާއެއް އަދި އެއްބާރުލުމެއް ކަންކަމުގައި ނުދިނުމެވެ. އެހެންވެ މި ދުވަސްވަރު އިންޑިއާއިން ގައުމުތަކަށް ހަދިޔާ ކުރަމުންދާ ކޯވިޑް-19 ވެކްސިން ޕާކިސްތާނަށް ދޭނެ ކަމާއި މެދު ސުވާލު އުފައްދާފައިވެ އެވެ.
އަވައްޓެރި ގިނަ ގައުމުތަކަށް އިންޑިއާއިން އެ ގައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައިވާއިރު އޭގެ ތެރޭގައި އަދި ޕާކިސްތާނު ހިމެނިފައެއް ނުވެ އެވެ. އެކަމަކު ކުރިޔަށް އޮތްތާ އިންޑިއާއިން ޕާކިސްތާނަށް ވެކްސިން ހަދިޔާ ނުކުރާނެ ކަމެއް ނޭނގެ އެވެ.
އިއްޔެ މި ސަރަހައްދުގައި އެންމެ ހިނގި ބައިނަލް އަގުވާމީ ހަބަރަކީ އިންޑިއާގައި އުފައްދާ ކޮވިޝީލް ވެކްސިން ޕާކިސްތާނަށް ލިބެން އުޅޭ ވާހަކަ އެވެ. ޕާކިސްތާނަށް ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރަނީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ގާވީ- ދަ ވެކްސިން އެލަޔަންސް އިންނެވެ.
އެ ޖަމިއްޔާއިން ވަނީ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑްގެ 45 މިލިއަން ޑޯޒު ވެކްސިން ޕާކިސްތާނަށް ފޮނުވަން ނިންމާފައި އެވެ. އޭގެ ތެރެއިން 16 މިލިއަން ވެކްސިން ޑޯޒު މިމަހުގެ މެދު ތެރޭގައި ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދަށް ފޮނުވުމަށް ހަމަޖެހިފައިވާއިރު ބާކީ ބައި ފޮނުވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ޖޫން މަހުގެ ކުރީ ކޮޅުގައި އެވެ.
ޕާކިސްތާނުގައި އަދި ބޭނުން ކުރަމުން ދަނީ ސިނޯފާމް ވެކްސިން އެވެ.
އިންޑިއާގެ ނޫސްތަކުގައި މިހަބަރު ޖަހާފައިވަނީ ވަރަށް މަލާމާތް ކުރާ ފާޑަކަށެވެ. ހުރިހާ ނޫސްތަކެއްގައިހެން ޖަހާފައިވަނީ އިންޑިއާގައި އުފައްދާފައިވާ ވެކްސިންއެއް ޕާކިސްތާނަށް ލިބެން އުޅޭ ވާހަކަ އެވެ.
އިންޑިއާއިން މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ގައުމުތަކަށް ކޮވިޝީލްޑްގެ 56 ލައްކަ ޑޯޒު ހަދިޔާކޮށްފައިވެ އެވެ. އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް