ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު

ކުރިޔަށް އޮތް ރޯދަ މަހު ކޯވިޑް-19 ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދާނީ ރޭގަނޑު ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ...

10 Mar 2021 | 05:33

ކުރިޔަށް އޮތް ރޯދަ މަހު ކޯވިޑް-19 ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދާނީ ރޭގަނޑު ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ކުރިޔަށް ގެންދާ ގޮތަށް ކުރިޔަށް އޮތް ރޯދަ މަހު ވެކްސިން ޕްރޮގްރާމް މެދުކަނޑާނުލައި ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މިހާރަށްވުރެ ވެކްސިން ޖަހަައިދޭ ވަގުތު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަހު ވެކްސިން ޕްރޮގްރާމް ދުވާލު ކުރިޔަށް ނުގެންދާނެ ކަމަށާއި ވެކްސިން ޖަހައިދޭނީ ހަމައެކަނި ރޭގަނޑު ކަމަށެވެ. އަދި ވަރަށް އަވަހަށް ވެކްސިން ޖަހައިދިނުން ކުރިޔަށް ގެންދާނެ ވަގުތުތަކާއި ސެންޓަރުތައް އާންމު ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކޯވިޑް-19 ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދާއިރު އަދި ޖަހައިދެމުން ދަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އެންމެ ފުރަތަމަ ވެކްސިން ޕްރޮގްރާމް ފެށި މާލެ ސަރަހައްދުގައި އަންނަ ހޯމަ ދުވަހު ފުރަތަމަ ޑޯޒު ޖަހައި ދިނުން ހުއްޓާލަން ވަނީ ނިންމާފަ އެވެ.

އަދި މި މިމަހު ފަހުކޮޅު މާލޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދޭން ފަށާނެ އެވެ. ކޯވިޑް-19 ވެކްސިންގެ ދެވަަނަ ޑޯޒު ރާއްޖޭގައި ޖަހައިދެނީ އަށް ހަފްތާ ފަހުންނެވެ.

މިހާތަނަށް ރާއްޖެއިން 165،675 މީހުން ކޯވިޑް ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން 95،362 މީހުން މާލެއިން ވެކްސިން ޖަހާފައިވާއިރު 70،313 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރޭގައި އެވެ.

އިއްޔެ މާލޭގެ އަށް ސެންޓަރަކާއި ދެ މޮބައިލް ޓީމުން ކޯވިޑް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް-19 ވެކްސިން ދީފައިވަނީ 169 ސެންޓަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް