ރާއްޖޭގެ އަތޮޅެއް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ގަންނަން އުޅޭކަމަށް ބުނެ ފަތުރާ ވާހަކަތަކީ ދޮޮގެއް ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ބުނެފި އެވެ.
ސައުދީ އެމްބަސީން މިހެން ބުނެފައި މިވަނީ ފ. އަތޮޅު ސައުދީ ރަސްގެފާނަށް ވިއްކާލަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެވެ.
ސައުދީ އެމްބަސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އަތޮޅެއްގައި ބިޔަ މަޝްރޫއެއް ހިންގަން ވެގެން، އަތޮޅެއް ނުވަތަ ބިމެއް ނުވަތަ ރަށެއް ގަތުމުގެ އެއްވެސް ނިޔަތެއް ސައުދީ ސަރުކާރުގެ ނެތް ކަމަށެވެ. އަދި އެފަދަ ޕްރޮޖެކްޓެއް ބިން ގަނެގެން ހިންގަން އެގައުމުން ބޭނުން ނުވާ ކަމަށެވެ.
އެތަނުން ބުނީ އެފަދަ ދޮގު ވާހަކަތައް ފަތުރަމުން ދާއިރު އެއްމެ ފަހަރަކުވެސް އެމްބަސީއަށް ގުޅައި މައުލޫމާތު ސާފުކޮށް، އެފަދަ ކަމެއް ހިނގާތޯ އަހާފައި ނުވާކަމަށެވެ. ސައުދީ އެމްބަސީން ބުނީ އެފަދަ ދޮގު ތުހުމަތުތަކެއް ސައުދީ ސަރުކާރުގެ ބޮލުގައި އަޅުވާތީ ހިތާމަ ކުރާ ކަމަށެވެ.
ސައުދީ ސަރުކާރުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންވެސް ފ. އަތޮޅު ވިއްކާލަން ނޫޅޭކަމަށް ވިދާޅުވެފައި އެވެ. އެމަނިކުފާނު ވިދާޅުވީ ފ. އަތޮޅަށް ގެންނަން އުޅެނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށެވެ.
ރައިސް މިހެން ވިދާޅުވެފައި ވީނަމަވެސް އެމަނިކުފާނަށް ތާއީދު ކުރައްވައިގެން ހުންނެވި ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަނީ ބިމެއް ވިއްކާލަން އުޅޭކަމަށް ދޭހަވާފަދަ ގޮތަކަށް ޓުވީޓު ކުރައްވާފައި އެވެ. އެ ޓުވީޓުގައި ވިދާޅުވެފައިވަނީ ލިބިދާނެ މާލީ ފައިދާއަކަށް ބަލައިގެން، ގައުމުގެ އިސްތިގުލާލު ގުރުބާންވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް