ޕީޕީއެމް ރައީސްގެ އޮފީހުގައި ހުރި ދިވެހި ދިދަން ނަގަން ފުލުހުން އަންގައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އޮފީސް، ހ. ތެމާގައި ހުރި ދިވެހި ދިދަ ނަގަން އަންގައިފި އެވެ. ރައީސް މައުމޫން ފެކްޝަންގެ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ރޭ ފުލުހު...

10 Mar 2017 | 03:24

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އޮފީސް، ހ. ތެމާގައި ހުރި ދިވެހި ދިދަ ނަގަން އަންގައިފި އެވެ.

ރައީސް މައުމޫން ފެކްޝަންގެ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ރޭ ފުލުހުން ގޮސް އެ ދިދަ ނެގުމަށް އަންގާފައިވާކަމަށެވެ. އެއީ ގައުމީ ދިދަ ބޭނުން ކުރުމާއި ބެހޭ އުސޫލަށް އިއްޔެ އަމަލު ކުރަން ފެށުމުން އެންގި އެންގުމެއް ކަމަށް ފުލުހުން ބުނިކަމަށް އޭނާ ބުންޏެވެ.

އިއްޔެ ގެޒެޓުކޮށް އަމަލު ކުރަން ފެށި އެ އުސޫލުގައި ބުނެފައިވަނީ ގައުމީ ދިދަ ނަގަން ޖެހެނީ ދައުލަތުގެ މުއައްސާސަތާއި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކުގައި ކަމަށެވެ. ހުއްދަ ނުހޯދާ ދިވެހި ދިދަ ބޭނުން ކުރެވެނީ އާންމުކޮށް ބާއްވާ އެއްވުންތަކުގައި އާއި ކަނޑުގައި ދުއްވާ އުޅަނދުތަކުގައި ދިވެހި އުޅަނދެއްކަން ދައްކައި ދިނުމުގެ ގޮތުންނެވެ. އަދި އާންމުކޮށް ބާއްވާ ގައުމީ ހަފްލާތަކުގައިވެސް ގައުމީ ދިދަ ބޭނުން ކުރުން ހުއްދަ އެވެ.

ފުލުހުން ރައީސް މައުމޫނުގެ އޮފީހުގައި ނަގާފައި ހުރި ދިދަ ނަގަން އެންގީ އެ އުސޫލުގެ ދަށުން ދިވެހި ދިދަ ނަގާފައި ބެހެއްޓޭނެ ތަނަކަށް ނުވާތީކަމަށް އެންގި އެވެ. ރޭ ފުލުހުން އެ ދިދަ ނަގަން ޕީޕިއެމް ރައީސްގެ  އޮފީހަށް ދިއުމުން ވަނީ ރަސްމީ ގަޑީގައި އައުމަށް އެދުމުން ގޮސްފައި އެވެ.

އަބްދުލް އަލީމް ވިދާޅުވީ ރައީސް މައުމޫން ގަބޫލު ކުރައްވާގޮތުގައި ދިވެހި ދިދަ އަކީ ދިވެހިންގެ މިލްކެވެ. އަދި ގައުމީ ދިދަ ބޭނުންކުރުުމުގެ ފުރިހަމަ އިހްތިޔާރު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށް ރައީސް މައުމޫން ވިދާޅުވާކަމަށް އަލީމު ވިދާޅުވިއެވެ.

މި އސޫލުގެ ދަށުން 24 ގަޑިއިރު ދިދަ ނަގާފައި ބެހެއްޓެނީ ރައިސް އޮފިހާއި ރިޔާސީ ގަނޑުވަރާއި  ނައިބު ރައީސްގެ ގެކޮޅާއި، ސުޕްރީމް ކޯޓާއި، އެމްއެންޑީއެފާއި ފުލުހުންގެ އިދާރާގެ އިތުރުން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލް އިދާރާތަކުގައި އެވެ. އަދި ދިވެހި ދިދައަށްވުރެ މައްޗަށް އެއްވެސް ދިދައެއް ނެގުން މަނަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް