ޓައިގާ ޝްރޮފް އަންހެން ދުޅާކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ކުރި ޓުވީޓާއި މެދު އެއްވެސް ހިތް ބުރަ ކަމެއް ނެތް ކަމަށް ޓައިގާ ޝްރޮފް ބުނެފި އެވެ.
ޓައިގާ ބުނީ ރާމް ގޯޕާލް އަކީ ވަރަށް ސީނިއާ ޑައިރެކްޓަރެއް ކަމަށާއި އޭނާ ކުރާ އެކަހަލަ ކޮމެންޓަކަށް ރައްދުދޭން ބޭނުން ނުވާ ކަމަށެވެ. ޓައިގާ ބުނީ ކޮންމެ މީހަކަށްވެސް ބޭނުން އެއްޗެސް ބުނުމާއި ލިޔުމުގެ މިނިވަންކަން ލިބިދީފައި އެބައޮތް ކަމަށެވެ.
އެކަމަކު އޭނާ ބައްޕަ، ޖެކީ ޝްރޮފް ކައިރިން ފިރިހެން ވަންތަކަށް ދަސްކުރަން ރާމް ގޯޕާލް ބުނި ބުނުމަށް ޓައިގާ ޖަވާބުދީފައިވެ އެވެ. އޭނާ ބުނީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ބައްޕަ ފަދަ މީހަކަށް ނުވެވޭނެ ކަމަށާއި އެއީ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ.
ރާމް ގޯޕާލްގެ މި ޓުވީޓަށް ސޯނަމް ކަޕޫރު ވަނީ ރައްދު ދީފައި އެވެ.
ސޯނަމް އަކީ ހައްގުތައް ހޯދައި ދިނުމަށް ފާޅުކަން ބޮޑުގޮތެއްގައި ވަކާލާތު ކުރާ ތަރި އެކެވެ. އެގޮތުން އިންޑިއާގެ ސިޔާސީ މައިދާނުގައި ހިންގާ ކަންކަމާ ގުޅޭގޮތުންވެސް ސޯނަމް ފާޑު ކިޔާ ޓުވީޓާގައި އާއި ޓީވީ ޝޯތަކުގައި ވާހަކަދައްކަ އެވެ.
ޓައިގާ ޝޮރޮފްއަށް އޭނާ ކޮމެންޓާއި ގުޅިގެން ރައްދު ދީ ސޯނަމް ބުނީ ހިންދީ ސިނަމާގައި ރާމް ގޯޕާލް އަށް ކަމުނުދާ ކޮންމެ މީހަކުވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި ބުނީ ޓައިގާ އަކީ ވަރަށް "ކޫލް" މީހެއް ކަމަށެވެ.
ޓައިގާގެ އުފަންދުވަހު ރާމް ގޯޕާލް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޓައިގާ ވަރަށް އަންހެން ދުޅާ ކަމަށާއި، ފިރިހެން ވަންތަކަށް އޭނާގެ ބައްޕަ ޖެކީ ޝްރޮފް ކައިރިން ދަސްކުރަން ޖެހޭ ކަމަށެވެ.
އަދި އެ ޓުވީޓުގައި އިން ފޮޓޯގައި މޫދުން އަރައިގެން އަންނަ އިރު ޓައިގާ ހީވަނީ އުރުމިލާ މަތޮންދްކަރް ހެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް