ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ، ޖިނާއީ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ހަމަޖެހިއްޖެ އެވެ. ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އަޑުއެހުން ތާވަލ...

10 Mar 2015 | 09:34

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ، ޖިނާއީ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ހަމަޖެހިއްޖެ އެވެ.

ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ.

ހަނގުރާމަވެރި ހަތިޔާރު އެތެރެކުރުމާއި ގެންގުޅުމުގެ ކުށުގެ ދައުވާ ނާޒިމްގެ މައްޗަށް ކޮށްފައި ވަނީ، ދައުލަތުން ޝަރީއަތުގައި ބުނެފައިވާ ގޮތުގައި، އޭނާ ދިރިއުޅުއްވާ ކޮޓަރީގައި އޮތް ދަބަހެއްގެ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަނާއި އައިއީޑީއެއް ފެނުމާއި ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލާދޭން ރާވާފައިވާ ކަމުގެ މައުލޫމާތުތަކެއް، އެ ދަބަހުން ފެނުނު ޕެން ޑްރައިވެއްގައި ހުރުމުންނެވެ.

އެހެން ނަމަވެސް، އެއީ ދޮގު ތުހުމަތެއްގެ މައްޗަށް ކުރާ، ސިޔާސީ ދައުވާއެއް ކަމަށާއި ހަތިޔާރު އެތެރެކޮށް، ގެންގުޅުނު ކަމަށް ފްރޭމްކޮށް، ދައުވާ އުފުލީ ނާޒިމްގެ ސިޔާސީ ހަޔާތް ދުއްވާލަން ކަމަށް އޭނާގެ އާއިލާ އިންނާއި ވަކީލުންގެ ޓީމުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ނާޒިމްގެ ގެ އިން ފެނުނު ކަމަށް ބުނާ އެއްވެސް އެއްޗެއްގައި ހުރި އިނގިލީގެ ނިޝާނާއި ނާޒިމާއި އޭނާގެ އާއިލާގެ ބޭފުޅެއްގެ އިނގިލީގެ ނިޝާނަކާ ވެސް ދިމާ ނުވާ ކަމަށް، ފުލުހުންގެ ފޮރެންސިކް ރިޕޯޓަކާ ހަވާލާދީ، ވަކީލުން ވިދާޅުވެފައިވެ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޝަރީއަތް ނިމެންދެން ނާޒިމް ހުރީ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ދޫނިދޫގައި ބަންދުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް