ހެލްތު މިނިސްޓަރުގެ މަގާމު ހުސްކޮށް އޮންނަތާ އަށް މަސްދުވަސް ފަހުން، އެ މަގާމަށް އަހުމަދު ޒުހޫރު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވައިފި އެވެ.
އެކަން އިއުލާންކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައިވާ ގޮތުން، ހެލްތު މިނިސްޓަރުގެ މަގާމުގެ ހުވާ ޒުހޫރު ވަނީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކުރައްވާފަ އެވެ. އެ ރަސްމިއްޔާތުގައި، ރައީސް ޔާމީން ވަނީ މަގާމުގެ ލިޔުން އޭނާއާ ހަވާލުކުރައްވާފަ އެވެ.
މިދިޔަ އޮގަަސްޓް މަހުގެ 11 އިން ފެށިގެން ހެލްތު މިނިސްޓަރުގެ މަގާމު ހުސްކޮށް އޮތީ، އެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޝަކީލާ އަށް، ވެރިކަންކުރާ ޕީޕީއެމްގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުންނެވެ.
ހެލްތު މިނިސްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް އޮތް މައްސަލައިގައި، ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ، ސިއްހީ ދާއިރާގެ ކަންކަން ކުރިއަށް ގެންދަވަނީ ސީދާ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. ހެލްތު މިނިސްޓްރީ އަށް ވަޒީރަކު އައްޔަންކުރާނީ، އެ ދާއިރާގައި ހުރި މައްސަލަތައް، ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ހައްލުކުރައްވައި، ހަރުދަނާކުރެއްވުމަށް ފަހުގައި ކަމަށް ވެސް، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އޮފީހުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް