"ކޮން މަންމާއެކޭ ކިޔާކަށް އޭނ.." ޝާނީ ގެ އަޑަށްވުރެ ބާރަށް ހަސީނާ ބުންޏެވެ.
"ހަސީނާ..." ހަސީނާ މައިތިރިވީ އަކުރު ތަކަށް ބާރުލާފައި ޚާލިދު އޭނާއަށް ބާރަށް ހަޅޭލަވައިގަތުމުންނެވެ. "ހަމަ މިހާރުދޭ އެތެރެއަށް" އެއާއެކު ހަސީނާ ކުދި ކިޔަމުން އެތެރެއަށް ވަދެގެން ދިޔައެވެ. އޭރު ކަރުނައިން ޝާނީގެ ދެލޯވަނީ ތެއްމާލާފައެވެ.
"ޝާނީ.. ކިހާވަރަކަށް އޭނާގެ މާޒީ އެނގިގެންތަ ތިއުޅެނީ..." ޖޯލީގައި ހަމަޖެހިލަމުން ޚާލިދު ބުންޏެވެ. "އެނގޭތަ ކިހާދުވަހަކު އޭނާ ޖަލުގައި އޮތްކަން"
ޚާލިދު މި ބުނި އެއްޗެއް ޝާނީއަކަށް ނޭގުނެވެ. އޭނާ ދެލޯ ބޮޑު ކޮށްލާފައި ޚާލިދުގެ މޫނަށް ބަލާލިއެވެ. ހައިރާންކަމުން ފުރިފައެވެ. ސުވާލުން ފުރިފައެވެ. އެއީ ޝާނީއަށް އަދި ނޭގޭ ވާހަކައެކެވެ.
"އާނ.. އޭނާ އަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއް..." ޚާލިދު ޝާނީގެ ސުވާލުތަކަށް ޖަވާބުދިނެވެ. "އޭނާ އަކީ އެކަމުގެ ބޮޑެއްކަން ޝާނީ ދެނަހުރީމުތަ؟" ޝާނީގެ އަނގަ ތައްމިނަށް ހުޅުވިގެން ދިޔައެވެ. އޭނާ އަކަށް އެކަން ގަބޫލުކުރަން ފަސޭހައެއްނޫނެވެ. އޭނާގެ ފައި ތުރުތުރު އަޅަން ފެށިކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާއަށް ބޯހޫރާލެވުނެވެ.
"ތި ނުވާނެ ހަގީގަތަކަށް..." ފެންކަޅިވެފައި ޝާނީ ބުންޏެވެ. "ތީ ހަމްޒާއޭ ކިޔައިގެން އަރުވާފައި އޮތް ހުތުރު އަޑެއް" އެވާހަކަތައް ގަބޫލުކުރާކަށް ޝާނީ ބޭނުމެއްނުވިއެވެ.
ޓިއުޝަނަށް ދިޔަ މަގުމަތީގައިވެސް ޝާނީއަށް ވިސްނެނީ ޚާލިދުބެ ދެއްކި ވާހަކަޔާމެދުގައެވެ. ހަމްޒާ ކުރިން މީހަކާ އިނދެ، ކުއްޖަކު އޮތުން އެ މައްސަލައެއްނޫނެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ މިހަކާ އެކު ފެށޭނީ ކޮންކަހަލަ ދިރިއުޅުމެއްހެއްޔެވެ. ޝާނީގެ ރަހުމަތްތެރި ނާއިލާގެ ދިރިއުޅުން ހަލާކުވެ ދިޔަ ގޮތް އަދި ޝާނީ ހަނދާނެއް ނުނެތެއެވެ. ނާއިލާގެ ފިރިމީހާ އެ ނުރައްކާތެރި ވަބާގައި ޖެހި މުޅި ދިރިއުޅުން ވިއްސިވިހާލިވީ ޝާނީގެ ކުރިމަތީގައެވެ. އެމަންޒަރު އެއްމެގާތުން ދުއްމީހަކީ ޝާނީއެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހަކާއެކު ދިރިނޫޅެވޭނެކަމަށް ބުނެ ނާއިލާއަށް ވިސްނާދިނީވެސް ހަމަ ޝާނިއެވެ. އެކަމަކު މިއަދު ހަމްޒާއަކީ އެފަހަދަ މީހެއްނަމަ އޭނާ ކަންކުރާނީ ކިހިނެއްހެއްޔެވެ. ނޫނެކެވެ. އެއީ ހުސްދޮގުވާހަކައެވެ. ހަމްޒާ އަކީ އެ ވަބާގައި ޖެހިފައިވަ މީހެއްނޫނެވެ.
އިރުއޮއްސިއްޖެއެވެ. އެތައްހާސްކުލަޔަކުން އުދަރެސް އޮތީ ޖަރީކޮށްލާފައެވެ. މެޗުނިމުމުން ޝާނީ އައިސް ހުރީ އަތިރިމަތީ ޖޯލީގައެވެ. އުޑުމަތިން އޭނާއަށް ގުނަން އުޅުނަސް ނުގުނޭހާ ކުލަފެންނަން ހުއްޓެވެ. ހަމްޒާމެންގެ މުބާރާތްވެސް މިއަދު ނިމުނީއެވެ. ޗެމްޕިއަން ނޫނަސް ރަނގަޅު ކުޅުމެއް އެޓީމް ދެއްކިއެވެ. ޝާނީ ސަޕޯޓް ކުރަން ދަނޑަށް ދިޔައީ ހަމްޒާ އެކަމަށް އެދިފައިވުމުންނެވެ. ޚާލިދުބޭގެ ވާހަކައިގެ ތެދު ދޮގު އަހާނެ ފުރުސަތެއް އަދި ޝާނީ އަކަށް ނުލިބެއެވެ. ކޮންމެ ގޮތެއްވިޔަސް ހަމްޒާ މާދަމާ އޭނާގެ ރަށަށް ފުރާނެއެވެ. އިރުކޮޅަކުން ޝާނީގެ ފޯނަށް ހަމްޒާގެ މެސެޖެއް އައެވެ. ހަނދާންވާ ވާހަކައެވެ. މިރޭ ބައްދަލުކުރަން އާދެވޭނީ 11 ޖަހާއިރުކަމަށްވެސް ލިޔެފައި އޮތެވެ. އުޒުރެއްކަމަށް ބުނެފައި އޮތީ ޓީމްގެ ޚާއްސަ ބައްދަލުވުމެއް މިރޭ އޮތުމެވެ. ތެދެކެވެ. މުބާރަތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރެއެވެ. އެންމެ ރަނގަޅެވެ. 11 ޖަހާއިރު ދޮރޯށިކައިރީ މަޑުކުރާނެކަމަށް ޝާނީ ޖަވާބުދިނެވެ. މިރޭ ކޮންމެގޮތެއްވިޔަސް ޝާނީގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ހަމްޒާ ދޭން ޖެހޭއެވެ. ހަމްޒާއޭ ކިޔާ ޝާނީގެ ކަންފަތަށް އެއިވުނު އަޑަކީ ބުހުތާން ދޮގޭ ހަމްޒާ ބުނާ ނެއެވެ. ކައިވެނި ކުރާނޭ ރަނގަޅު ތާރީހެއް މިރޭ ކަނޑައަޅާނެއެވެ.
އިރުކޮޅަކު ހަނދުވަރު ދީފައި އޮތުމަށްފަހު ދުނިޔެމައްޗަށް އަނދިރިކަން ފެތުރުނެވެ. ކުއްލިޔަކަށް އުޑުމަތި ބަނަކުރަން ފަށައިފިއެވެ. ދުނިޔެ މައްޗަށް ވެރިވެފައިވާ ރަންހަނދުވަރުގެ މައްޗަށް ކަޅުފޮއިކަން ވެރިވެގަތެވެ. އެހެންވާންވީ ކީއްވެހެއްޔެވެ. އެހާ އަވަހަށް ހަނދުވަރުގެ އަލި ފަނޑުވެދިޔުމުން ޝާނީ ހުރީ ހައިރާންވެފައެވެ. ގޭގެ އެންމެން ނިދުމުން އޭނާ ގޭގެ ދޮރުމަތީގައި އިނތިޒާރު ކުރަމުން ދަނީ ހަމްޒާއަށެވެ. އޭނާގެ ހިތުގައި އަދިވެސް ޖަވާބުނުލިބޭ ސުވާލުތައް މޯޅިއަކަށް ދެމެމުންދިޔައެވެ. އިސާހިތަކު ޝާނީގެ އިންތިޒާރަށް ހަމްޒާ ނިމުމެއްގެނުވިއެވެ.
"ހާދަ ރީއްޗޭ މިރޭ..." ފުރަތަމަވެސް ހަމްޒާ ބުނީ އެހެންނެވެ. "މި ހަމަ ނިމުނީ... ސޮރީ އިނގެ ލަސްވީމަ... ކޮބާ މަންމަމެން ނިދީތަ؟"
"ދޮންމަންމަ" ޝާނީ އަނެއްކާވެސް ރަނގަޅުކޮށްދިނެވެ. "ހަމްޒާއަށް ޓަކައި އަހަރެން ކިތައްމެ ދިގު އިންތިޒާރެއްވެސް ކޮށްފާނަމޭ.."
ހަމްޒާ ސައިކަލު ހަރުޖެއްސުމަށްފަހު ސައިކަލު ނިވާލިއެވެ. އަދި ސައިކަލުން ފޭބިއެވެ.
"ހަމްޒާ އަހަންނަށް އެއްވެސް ކަމެއް ސިއްރުކުރަންތަ؟" ޝާނީއަށް އިތުރަށް ސުވާލުނުކޮށް ނުހުރެވުނެވެ. " އަހަރެން ވަރަށް ބިރުއެބަގަނޭ.."
"ކިހިނެއްވީ އަނެއްކާ....! ޝާނީ އަހަންނަށް އިތުބާރެއް ނުކުރަންތަ؟" ހަމްޒާ ޝާނީ އައި ގާތްވެލަމުން ބުންޏެވެ.
" އަހަރެން ހަމްޒާއަށް އިތުބާރު ކުރަމޭ.." ޝާނީ ބޮޑަހާކާކަހަލަ ރާގަކަށް ބުންޏެވެ. "އެކަމަކު މިރަށު މީހުން އެހެން ކަހަލަ ވާހަކަތަކެއް ދައްކާތީ.."
އެވަގުތު ވަރަށް ބޯކޮށް ވާރޭވެހެން ފެށިއެވެ. ޝާނީ ދުއްވައިގަތީ ގޭތެރެއަށެވެ. ހަމްޒާވެސް ޝާނީ ފަހަތުން ގޭތެރެއަށް ވަނެވެ. އެމީހުން ގޮސް މަޑުކުރީ އަސްކެނި ދޮށުގައެވެ. ވާރެ އާއި އެކު ވައިވެސް ގަދަވާންފެށިއެވެ. ވިދާ ގުގުރަންވެސް ފެށިއެވެ. ޖަހާލާ ކޮންމެ ގުގުރިއަކާއެކު، ޝާނީ ބިރުން ހަމްޒާގެ ކައިރިއަށް ޖެހިލައެވެ. އަސްކެނި ދޮށުގައި ތިބިއަސް ޖެހޭ ވައިގެ ސަބަބުން ދެމީހުން ފޯވަމުން ދިޔައެވެ. އެއަށްވުރެ އެތެރެއަށް ވަންނާކަށް ހަމްޒާ ބޭނުންވާހެނެއް ހީއެއްނުވެއެވެ. ކައިވެނި ނުކޮށްތިބެ ދެލޯބިވެރިން އެގޮތަށް އެކަހެރި ވުމުގެ ނަތީޖާ ހަމްޒާއަށް އެނގޭކަހަލައެވެ. ޝާނީގެ ގައިގައި އެފަދަ ގޮތަކަށް އިނގިލިކުރި ޖައްސާލަންވެސް ހަމްޒާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ ކައިވެންޏާއިހަމަޔަށް ސާފު ގުޅުމެއް ބޭއްވުމެވެ. އެއްވެސް މިލައެއް ކުންޏެއް ނެއް ލޯތްބަކުން ކައިވެނީގެ ގޮށް ޖަހާލުމެވެ.
"މިރަށުގައި ކޮންކަހަލަ ވާހަކައެއް ދެކެވެނީތަ؟" ޝާނީގެ އަތުގައި ހިފާލަމުން ހަމްޒާ އެހިއެވެ. އެއާއެކު ޖެހި ގުގުރިން ޝާނީ ގޮސް ހަމްޒާގައިގައި އޮޅުލައިގަތެވެ. ހަމްޒާ ޝާނީގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ހަމްޒާގެ ހިއްސުތައް ހަރަކާތް ކޮށްލީ އެއްވެސް އިޚުތިޔާރާކާނުލައެވެ. ޝާނީ ބިރުންގޮސް ބާރަށް ހަޅޭލަވައިގަންނަން އުޅުނެވެ.
"ޝޫ....!!!!!!!!" ޝާނީގެ ތުންފަތުގައި ސަހާދަތް އިނގިލި ޖައްސާލުމުން ހަމްޒާ ލޯބިން ފުރިގެންވާ ގޮތަކަށް ބުންޏެވެ.
"އެތެރެއަށް ދާންވީނު..." ބިރުން ހަލާކު ވާވަރުވެފައި ހުރެ ޝަނީ ބުންޏެވެ. "އަހަރެންނަކަށް ނުކެރޭނެ މިތާ އިންނަކަށް"
މިހެން ބުނެފައި ޝާނީ ވަނީ ގޭތެރެއަށެވެ. ގޭތެރެވަނީ ހިމޭންވެފައެވެ. ސިޓިން ރޫމްގައި ހުރި އެނދެއްގައި ފާއިގު މަޑު ގުގުރީގައި ނިދާފައި އޮތެވެ. ދޮންމަންމަވެސް ނިދިތާ ކިތައްމެ އިރެކެވެ. ޚާލިދުބޭ ވީ މަހަށް ގޮހޮއެވެ. ހަމްޒާ ގޭތެރެއަށް ވައްދަންވީބާއޭ ޝަނީގެ ހިތަށް އެތައްފަހަރަކު އަރަމުން ދިޔައެވެ. ކުރަން މިއުޅެވެނި ރަނގަޅުކަމެއްބާއެވެ.
-ނުނިމޭ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް