ރޯދަޔަށް މަސްދަޅު ކޭސް ބަހަން ފަށައިފި

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި  ރައީސުލްޖުމްހޫރިއްޔާ ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ދެއްވާ ރޯދަ ހަދިޔާ ހދ. އަތޮޅުގެ ރަށްތަކަށް ބަހަން ފައްޓަވައިފި ކަމަށް އެ އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވ...

10 Feb 2025 | 16:19

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި  ރައީސުލްޖުމްހޫރިއްޔާ ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ދެއްވާ ރޯދަ ހަދިޔާ ހދ. އަތޮޅުގެ ރަށްތަކަށް ބަހަން ފައްޓަވައިފި ކަމަށް އެ އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި މި މިނިސްޓްރީގެ ނާއިބް ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީގެ ގެތަކަށް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ.

މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބިގެން ދާނެ ކަމަށް ވެސް ޢަލީ ޝަމީމު ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހދ. އަތޮޅުގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދުވެސް އެ މަސައްކަތުގައި ޙަރަކާތްތެރިވަމުން އެބަދެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހެޔޮ ޢިނާޔަތްތަކެއް ރަމަޟާންމަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް އަންނަނީ ސަރުކާރުން ފޯރުކޮށް ދެއްވަމުންނެވެ.

އެ ގޮތުން ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ފާހަގަކޮށް އަދި މީގެ އިތުރުން ވެސް ބައެއް ޢިނާޔަތްތައް ރޯދަމަހާ ގުޅިގެން، ފާއިތުވެ ދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އެ ވުޒާރާއިން އަންނަނީ މިފްކޯއާއި ގުޅިގެން މަސްދަޅު ކޭސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް