ހަލިމަގުގައި ބިދޭސީއަކު މަރުވި މައްސަލަ: ފުލުހުން ބުނަނީ އަންހެން މީހާ ދުއްވި ސްޕީޑު އަދި ދެނެ ނުގަނެވޭ ކަމަށް ! އެކްސިޑެންޓް ވުމުން މަޑުކުރިކަމަށް !

މި މަހުގެ 01 ވަނަ ދުވަހު ހެނދުނު މާލެ-ހުޅުމާލެ ހަލިމަގުގައި ހިނގި އެކްސިޑެންޓްގައި މަރުވި ބިދޭސީ މީހާގެ ގައިގާ ފަހަތު ޖެހުނު ސައިކަލު ދުއްވަން އިން މީހާ އެ ސައިކަލު ދުއްވި ސްޕީޑު އަދި ދެނެގަނެވިފައިނު...

10 Feb 2025 | 14:42

މި މަހުގެ 01 ވަނަ ދުވަހު ހެނދުނު މާލެ-ހުޅުމާލެ ހަލިމަގުގައި ހިނގި އެކްސިޑެންޓްގައި މަރުވި ބިދޭސީ މީހާގެ ގައިގާ ފަހަތު ޖެހުނު ސައިކަލު ދުއްވަން އިން މީހާ އެ ސައިކަލު ދުއްވި ސްޕީޑު އަދި ދެނެގަނެވިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ފެބްރުއަރީ 01 ވަނަ ދުވަހުގެ ހެނދުނު 08:11 އެހައިކަންހާއިރު ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މީހަކު މަރުވެފައިވާ މައްސަލަ ދިވެހި ތަހުޤީޤު ކުރަމުން އަންނަ ކަމަށާއި އެކްސިޑެންޓް ހިނގާފައިވަނީ ހަލިމަގުގެ ހުޅުމާލެއިން މާލެއަށް އަންނަ ފަޅީގައި، ސީޕްލޭން ލޭންޑް ކުރާ ހިސާބުގައި ކަމަށެވެ.

"އެ ސަރަހައްދުގައި ހިނގަމުންދިޔަ ސޯލާ ޕެނަލް މަސައްކަތާ ގުޅިގެން މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރި ކޯނުތަކެއްގައި ސައިކަލެއް ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލަކުން ވެއްޓިފައި އޮތް މީހާގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވޭ، އެކްސިޑެންޓްގައި އަނިޔާވި މީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް، އެދުވަހުގެ ހެނދުނު 09:05 ގައި ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވޭ، ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޖާވިދު ޗައުދަރީ (30 އަހަރު) އެވެ.

ފުލުހުން ބުނެފައިވަނީ އެ ހާދިސާގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުން، ޖާވިދު ޗައުދަރީ ދުއްވަމުންދިޔަ ސައިކަލު ކޯނުގައި ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި ސައިކަލަކުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ފެންނަކަން ފާހަގަ ކުރެވުނު ކަމަށާއި އެހެންކަމުން، އެއްގަމު ދަތުރުފަތުރު ޤާނޫނުގެ ދަށުން އެމީހާ ދުއްވި ސައިކަލު ޓޯކޮށް، ލައިސަންސް ވަނީ ހިފަހައްޓާފައި ކަމަށާއި އަދި ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ލައިސަންސް ހިފެހެއްޓިފައިވާ މުއްދަތު މިހާރު އިތުރުކޮށްފައިވާނެ ކަމަށެވެ.

އެއީ އުމުރުން60 އަހަރުގެ ދިވެހި އަންހެނެއްކަން ފުލުހުން ކުރިން ހާމަކޮށްފައިވެއެވެ.

" މައްސަލައިގާ މަރުވި ފަރާތުގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެކްސިޑެންޓް ވުމުން އެތަނުގައި މަޑުކޮށްފައިވޭ، އެ ސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މިދަނީ މަސައްކަތް ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް