ހެލްމެޓު އަޅަން ނުޖެހޭ ތަންތާނގައި ހެލްމެޓު އެޅުން އަނެއްކާވެސް އާންމުވާތީ ފާރަވެރިވަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހެލްމެޓު އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަމާއި ޚިދުމަތް ދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެހަދާކަން އަނެއްކާވެސް ފުލުހުންނަށް ފާހަގަވާކަމަށެވެ.
"ގަވާއިދުގައިވާގޮތުން A0 އަދި A1 ގިންތީގެ އުޅަނދު ދުއްވާއިރު އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި" ފުލުހުން ހަނދާންކޮށްދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެހެންކަމުން ހެލްމެޓު އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށާއި މިއީ، އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް