ތިލަމާލެ ބްރިޖުގެ %33.4 މަސައްކަތް ނިމިއްޖެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ތޮއާމް ވިދާޅުވެއްޖެއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރުންގެ ޓީމު މިއަދު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ސައިޓަށް ވަޑައިގެންފައެވެ.
އެއަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓޭޓް މިނިސްޓަރ ތޮއާމް ވިދާޅުވީ މުޅި މަޝްރޫއުގެ %33.4 މަސައްކަތް ނިމިފައިވާއިރު، ޕައިލިންގ މަސައްކަތުގެ %54.4 މަސައްކަތް ނިމިފައިވާ ކަމަށެވެ.
ތޮއާމް ވިދާޅުވީ މަޝްރޫއުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާ ބަލާއިރު %1.2 ކުރީގައި ކަމަށެވެ. އަދި އެ މިނިސްޓްރީން ދަނީ މަޝްރޫއު ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް، މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން ކަމަށް ތޮއާމް ވިދާޅުވިއެވެ.
އެފްކޮންސް އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްގެން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް އަޅާ ބްރިޖުގައި 6.7 ކިލޯމީޓަރުގެ ހުންނާނެއެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް