ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ސަރުކާރުން ކުރިއަށްގެންދާ "ރައީސްގެ ސުވާލު" ސިލްސިލާގައި ތ.ކިނބިދޫއަށް ނިސްބަތްވާ ރައުނާ މުޙައްމަދު، ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަ ކުދިންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށްދެއްވާނެތޯ ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ނުގޮސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ތ. އަތޮޅަކީ ވަޒީފާގެ ފުރުސަތު ނިސްބަތުން ކުޑަ އަތޮޅެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ އަތޮޅުގައި އޮތީ އެންމެ ރިސޯޓެއް ކަމަށާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވޭނީ ފަތުރުވެރިކަމުގެ ސިނާއަތް އެ އަތޮޅުގައި ފުޅާކުރެވިގެން ކަމަށެވެ.
"ވަޒީފާ ލިބޭނީ އިންޑަސްޓްރީތައް މިތަނަށް ގެނެވިގެން. ޓޫރިޒަމް ފުޅާ ކުރެވިގެން. އިތުރު ރިސޯޓުތައް ގެނެވިގެން. ނުވަތަ މަސްވެރިކަން ފުޅާކުރެވިގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާން ކުދިންނަށް ބޭނުންވާނެ ކްރިއޭޓިވް އެކި ފުރުސަތުތައް ހޯދައި ދޭންޖެހޭ ކަމަށާއި، ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކުރުމުގެ ސަބަބުން ކޮންމެ ތަނަކު ހުރެގެންވެސް އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އޭރުން ކޮންމެ ތަނަކު ހުރެގެންވެސް އެކުއްޖަކަށް ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން ކުރާ މަސައްކަތް ބޭރުގެ މާކެޓުތަކަށް އަދި އޮންލައިން ވިޔަފާރީގެ ޕޭމަންޓް ގޭޓްވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ ހޯދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އަމަލީ ގޮތުން ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރަން ބޭނުންވާ މީހުންނަށްވެސް މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އިގްތިސޯދު ފުޅާކުރަން ވިސްނަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައުނާއަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އުންމީދުކުރާށޭ، އިރާދުކުރެއްވިއްޔާ ނަތީޖާ އަޅުގަނޑު ނެރެދޭނަމޭ." ނިންމާލަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް