ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި އަސްލަމް ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކަށް ބޯހިޔާވަހިކަމުގެ ސްކީމްތައް ހިންގާއިރު، މަޖިލީހުގެ މުވައްޒަފުންނަށްޓަކައި އެފަދަ ސްކީމެއް ނެތުމުން މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސްކީމްތަކަކީ ހަމައެކަނި ސަރުކާރާއި ސަރުކާގެ ވަކި އިދާރާތަކުން އިންތިޒާމް ކުރެވޭނެ ސްކީމްތަކެއް ނޫން ކަމަށެވެ. އެފަދަ ސްކީމްތައް ރައްޔިތުންގެ މަޖިލީހަށް ވެސް އިންތިޒާމް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެކަމަށް ބޭނުންވާ ޕްލޭން އެކުލަވާލާނީ މަޖިލީހުގެ އަމީންއާންމާއި އެހެން މުވައްޒަފުންގެ މަޝްވަރާއާއެކު ކަމަށެވެ.
އަސްލަމް ވިދާޅުވީ އިދާރީ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ލިބުންވެސް ހުއްޓިފައިވާކަމުގެ ކަންބޮޑުވުން މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށެވެ. އެކަންތައް މިހާރު ހައްލުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މިދިޔަ މަހުން ފެށިގެން އަސާސީ މުސާރައިގެ %20 ކުރިއެރުމެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ މަޖިލީހުގެ އިދާރީ މުވައްޒަފުން ކުރާ މަސައްކަތާ ބަލާފައި އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރޭ ބޭއްވި ހަފްލާގައި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި، ހަނދާނީ ފިލާ އަދި ހިދުމަތުގެ ލޯ މެޑަލްއާއި ރިހި މެޑަލް އަދި ރަން މެޑަލް ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް